"ގޯލްމާލް އެގެއިން"ގެ ސެޓެލައިޓް ރައިޓްސް އަޖޭ ދޭވްގަން އަށް
"ގޯލްމާލް އެގެއިން"ގެ ސެޓެލައިޓް ރައިޓްސް އަޖޭ ދޭވްގަން އަށް

މިހާރު ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ "ގޯލްމާލް އެގެއިން" އަޖޭ ދޭވްގަން ކުޅެފައި ވަނީ އެއްވެސް ފީ އަކާ ނުލަ އެވެ. އޭނާ ބޭނުންވީ ހަމައެކަނި ފިލްމުގެ ސެޓެލައިޓް ރައިޓްސް އެވެ. މިއީ އެހެން އެކްޓަރުން އަދި ކުރަން ނުފަށާ އާ ކަމަކަށް ވިޔަސް މިކަމުގެ ސަބަބުން، ކުރިއަށް އޮތް ހައެއްކަ އަހަރު ވެސް އަޖޭ އަށް ގިނަ އަދަދެއްގެ ފައިސާ ލިބިލިބި ހުންނާނެ އެވެ.

އާއްމު ގޮތެއްގައި ފިލްމުތަކުގެ ސެޓެލައިޓް ރައިޓްސް ވިއްކާލަނީ ފިލްމު ރިލީޒްކުރާތާ ދެތިން މަހެއް ފަހުންނެވެ. "ގޯލްމާލް އެގެއިން" އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީއަށް ބަލާއިރު މި ފިލްމުގެ ސެޓެލައިޓް ރައިޓްސް ވަރަށް ބޮޑު އަގެއްގައި ވިއްކާލެވޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ފިލްމެއް ކުޅެގެން ލިބޭ 10-15 ކްރޯޑުގެ ބަދަލުގައި ސެޓެލައިޓް ރައިޓްސް އިން އަޖޭ އަށް މާ ގިނަ ފައިސާ ލިބޭނެ އެވެ. އަދި މި ފިލްމު ޓީވީން ދައްކާ ކޮންމެ ފަހަރަކު އޭނާގެ އެކައުންޓަށް އިތުރު ފައިސާ ވަންނަމުން ދާނެ އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި "ގޯލްމާލް އެގެއިން"ގެ ޓީމު އުފަލުން ފޮޅޭ ވަރަށް މި ފިލްމު ކާމިޔާބެވެ. އާދިއްތަ ދުވަހާ ހަމަޔަށް 92 ކްރޯޑު (9.2 ބިލިއަން ރުޕީސް) ވަނީ ފިލްމަށް ލިބިފަ އެވެ. މިއީ އެންމެ ތިން ދުވަހު ލިބުނު އަދަދު ކަމަށްވާތީ މި ފިލްމަކީ މިއަހަރު ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު ފިލްމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ ފިލްމު ރިލީޒްވިތާ ހަފުތާއެއް ވާއިރު ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބޭނެކަން ޔަގީންވެފައި ވާތީ އެވެ.

އަޖޭގެ ފިލްމު މިފަހަރު ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނީ އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" އާ އެވެ. އިންޓަވިއުއެއްގައި އަޖޭ ބުނީ ދެ ފިލްމަކީ ވަރަށް ތަފާތު ދެ ވައްތަރެއްގެ ފިލްމަށް ވާތީ ކޮންމެ ފިލްމެއް ވެސް ބަލަން ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމަށެވެ.

އަޖޭ ބުނީ ހަމަ ތެދެކެވެ. ވަރަށް އަޑުއެރި ފިލްމުތަކަށް ވެސް ބޮޑު ނާކާމިޔާބީތަކެއް ވެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު މާޔޫސް ވެފައި ތިއްބާ މި ދެ ފިލްމުން ވަނީ އަނެއްކާވެސް އެމީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިފަ އެވެ.