24 އޮކްޓޯބަރ 2017 - 08:02

ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިއާ ހޮވުމުގެ ވޯޓުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ކޯޗު ޑަރެން ސްޓެވާޓް ވެސް އެއް ވަނަ އަށް ވޯޓް ދިނީ ރޭ އެވޯޑް ހާސިލްކުރި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.
މި އެވޯޑް ލިބެނީ ފީފާގެ މެމްބަރު ގައުމުތަކުގެ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ހޮވާލެވޭ ނޫސްވެރިން ދޭ ވޯޓުން އެންމެ ގިނަ ޕަސެންޓް ލިބޭ ކުޅުންތެރިއަކަށެވެ. ލަންޑަނުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ފަސް ވަނަ ފަހަރަށް ރޮނާލްޑޯ ހާސިލްކުރީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެ ޓީމަށް ކުޅުމަށް ފަހު މިހާރު ޕީއެސްޖީ އަށް ބަދަލުވެފައިވާ ނޭމާއާ ވާދަކޮށްގެންނެވެ.
ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމަށްވާ ދަގަނޑޭ އެއް ވަނަ ރޮނާލްޑޯ އަށް ދިން އިރު ދެ ވަނަ ދިނީ މެސީ އަށެވެ. ދަގަނޑޭގެ ހޮވުމުގެ ތިން ވަނަ އަކީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ. ގައުމީ ކޯޗު އޮސްޓްރޭލިއާގެ ސްޓެވާޓް ވެސް ދެ ވަނަ އަށް ވޯޓް ދިނީ މެސީ އަށެވެ. އޭނާގެ ތިން ވަނަ އަކީ ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ އެއް ވަނަ ހޮވުމަކީ ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސް އެވެ. އޭނާ ރޮނާލްޑޯ އަށް ދެ ވަނަ ދިން އިރު ތިން ވަނަ އަކީ މެސީ އެވެ.
މި އެވޯޑް ހާސިލްކުރި ރޮނާލްޑޯ ވެސް ވަނީ ޕޯޗުގަލްގެ ކެޕްޓަންގެ ހައިސިއްޔަތުން ވޯޓް ދީފަ އެވެ. އޭނާގެ އެއް ވަނަ އަކީ މެޑްރިޑުގެ ލޫކާ މޮޑްރިޗެވެ. ދެ ވަނަ މަގާމް ރާމޯސް އަށް ދިން އިރު ތިން ވަނަ އަކީ މާސެލޯ އެވެ.
އާޖެންޓީނާގެ ކެޕްޓަން އަދި މި އެވޯޑުގެ ދެ ވަނަ ހާސިލްކުރި މެސީގެ އެއް ވަނަ ހޮވުމަކީ އޭނާއާ އެއްކޮށް ބާސެލޯނާ އަށް ކުޅޭ ލުއިސް ސުއަރޭޒެވެ. ދެ ވަނަ އަށް ބާސެލޯނާގެ ކެޕްޓަން އަންދްރޭ އިނިއެސްޓާ އަށް ވޯޓް ދިން އިރު ތިން ވަނަ އަކީ ނޭމާ އެވެ.
އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހާސިލްކުރި ބުފޮން ވޯޓް ދިނީ ރޮނާލްޑޯ އަށެވެ. އޭނާ ދެ ވަނަ އަކީ އޭނާއާ އެކު ޔުވެންޓަސް އަށް ކުޅޭ ޕައޮލޯ ޑިބާލާ އެވެ. ތިން ވަނަ އަކީ މޮޑްރިޗެވެ.
ގިނަ ބަޔެއްގެ ވޯޓް ލިބުނު ސާޖިއޯ ރާމޯސް އަށް ސްޕެއިން ކެޕްޓަންގެ ހައިސިއްޔަތުން ވޯޓް ލުމަށް ލިބުނު ފުރުސަތުގައި އެއް ވަނަ ދިނީ ރޮނާލްޑޯ އަށެވެ. އޭނާގެ ދެ ވަނަ އަކީ ވާދަވެރި ބާސެލޯނާގެ މެސީ އެވެ. އަދި ތިން ވަނަ އަކީ މޮޑްރިޗެވެ.
ދުނިޔޭގެ ވަރުގަދަ އެހެން ގައުމުތަކަށް ބަލާއިރު ބްރެޒިލްގެ ކެޕްޓަން ޑެނިއަލް އަލްވެސް އެއް ވަނަ ދިނީ އޭނާއާ އެކު ބްރެޒިލާއި ޕީއެސްޖީ އަށް ކުޅޭ ނޭމާ އަށެވެ. ދެ ވަނަ މެސީ އަށް ދިން އިރު ތިން ވަނަ އަކީ ރޮނާލްޑޯ އެވެ. ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާގެ އެއް ވަނަ ހޮވުމަކީ ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫޒެވެ. ދެ ވަނަ އަކީ އޭނާއާ އެކު ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. ތިން ވަނަ އަކީ ހަމަ އެ ޓީމުގެ ޗިލީ މިޑްފީލްޑަރު އަރުޓޯ ވިޑާލެވެ.
ފްރާންސުގެ ކެޕްޓަން ހޫގޯ ލޮރިސްގެ އެއް ވަނަ ރޮނާލްޑޯ އަށް ދިން އިރު ދެ ވަނަ އަކީ ރާމޯސް އެވެ. ތިން ވަނަ އަކީ ލޮރިސްއާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. އިންގްލެންޑުގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ އެއް ވަނަ ވޯޓް ދިނީ ރޮނާލްޑޯ އަށެވެ. ދެ ވަނަ މެސީ އަށް ދިންއިރު ތިން ވަނަ އަކީ ސުއަރޭޒެވެ.