އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ، ކޯޗަކަށް ޒިދާން
އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ، ކޯޗަކަށް ޒިދާން

ލަންޑަން (އޮކްޓޯބަރު 24) – ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޕީއެސްޖީގެ ނޭމާ ފަހަތަށް ޖައްސާލުމަށް ފަހު ފީފާގެ އަހަރުގެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރިއިރު އެންމެ މޮޅުގެ ކޯޗުގެ އެވޯޑް އެ ޓީމުގެ ޒައިނުއްދީން ޒިދާން ހާސިލްކޮށްފި އެވެ.

އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ، ކޯޗަކަށް ޒިދާން
އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ، ކޯޗަކަށް ޒިދާން

ރެއާލް މެޑްރިޑަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން އުމުރުން 32 އަހަރުގެ ރޮނާލްޑޯ އަށް ވަނީ 43.16 ޕަސެންޓް ވޯޓް ލިބިފަ އެވެ. ބާސެލޯނާއާ އެކު ސްޕެނިޝް ކަޕް ކާމިޔާބުކުރި މެސީ އަށް 19.25 ޕަސެންޓް ލިބުނުއިރު އޭނާއާ އެކު މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ކުޅުނު ނޭމާ އަށް ލިބުނީ 6.97 ޕަސެންޓެވެ.

އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ، ކޯޗަކަށް ޒިދާން
އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ، ކޯޗަކަށް ޒިދާން

މިއީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ރޮނާލްޑޯ ހާސިލްކުރި ފަސް ވަނަ ފަހަރެވެ. ބެލޮންޑިއޯ އެވޯޑް 2008، 2013، 2014 އަދި 2016 ވަނަ އަހަރު ހޯދިއިރު ފީފާ އެވޯޑް މިދިޔަ އަހަރާއި މި އަހަރު ވެސް ހާސިލްކުރީ އެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑް ފްރާންސުގެ ޒިދާން ހޯދީ 46.22 ޕަސެންޓުގެ ވޯޓާ އެކު އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް މީގެ ކުރިން ހާސިލްކޮށްފައިވާ ޒިދާންގެ ފަހަތުން ދެ ވަނަ އަށް ދިޔައީ އޭނާއާ އެއްކޮށް ޔުވެންޓަސް އަށް ކުޅެފައިވާ އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އެވެ. ޗެލްސީ އަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޮންޓޭ އަށް ލިބުނީ 11.62 ޕަސެންޓް ވޯޓެވެ. ތިން ވަނަ އަކީ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދީ އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން އިޓަލީގެ މަސިމިލިއާނޯ އެލެގްރީ އެވެ. އޭނާ އަށް ލިބުނީ 8.78 ޕަސެންޓް ވޯޓެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ހޯދީ ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ ލިއެކޭ މާޓެންސެވެ. އޭނާ އަށް 21.72 ޕަސެންޓް ވޯޓް ވަނީ ލިބިފަ އެވެ. ދެ ވަނަ އަށް ދިޔައީ މިދިޔަ އަހަރު އެއް ވަނަ ހޯދި، މެންޗެސްޓާ ސިޓީ އަށް ކުޅޭ އެމެރިކާގެ ކާލީ ލޮއިޑެވެ. އޭނާ އަށް ލިބުނީ 16.28 ޕަސެންޓް ވޯޓެވެ. ތިން ވަނަ އަކީ، 11.69 ޕަސެންޓް ވޯޓާ އެކު ވެނެޒުއޭލާގެ އުމުރުން 18 އަހަރުގެ ފޯވާޑް ޑޭނާ ކަސްޓެޔަނޮސް އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑް ހާސިލްކުރީ މި އަހަރު ނެދަލެންޑްސް އަށް ޔޫރޯ ކާމިޔާބުކޮށްދިން އެ ގައުމަށް ފަހުން ސަރީނާ ވީމަން އެވެ.

އަލަށް ތައާރަފްކުރި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ޔުވެންޓަސްގެ އުމުރުން 39 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ. ޔުވެންޓަސް އިން މިދިޔަ ސީޒަނުގައި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށް އަދި ޔޫރަޕުގެ ފައިނަލަށް ދަތުރުކުރިއިރު އޭނާ ވަނީ މުހިއްމު ސޭވްތަކެއްކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ލަނޑެއް ވައްދާނުލާ 600 މިނެޓު ހަމަކުރި އެވެ. އޭނާއާ ވާދަކުރީ ރެއާލް މެޑްރިޑުގެ ކޮސްޓަ ރީކާ ގޯލްކީޕަރު ކޭލާ ނާވަސް އަދި ބަޔާން މިއުނިކުގެ މެނުއަލް ނޯޔާ އެވެ.

އަހަރުގެ އެންމެ މޮޅު ގޯލުގެ އެވޯޑް ކަމަށްވާ ޕުސްކަސް އެވޯޑުގެ ހައްގުވެރިއަކީ އާސެނަލުގެ ފްރާންސް ފޯވާޑް އޮލިވާ ޖިރޫ އެވެ. މި އެވޯޑް ލިބުނީ މި އަހަރުގެ ޖެނުއަރީ މަހު އޭނާ ކްރިސްޓަލް ޕެލަސް ކޮޅަށް ޖެހީ "ސްކޯޕިއަން ކިކް" ގޯލަށެވެ.

ފީފާ ފެއާޕްލޭ އެވޯޑް ލިބުނީ ޗެކް ރިޕަބްލިކް ލީގުގައި މި އަހަރުގެ ފެބްރުއަރީ މަހު ބޮހެމިއަންސް 1905 ގޯލްކީޕަރު މާޓިން ބާކޮވެކަށް ދަނޑުމަތީގައި، ފުރަތަމަ އެހީ ފޯރުކޮށްދިން ފްރެންސިސް ކޯނޭ އަށެވެ. ފޭން އެވޯޑް ނުވަތަ ސަޕޯޓަރުންގެ އިނާމް ހާސިލްކުރީ ސެލްޓިކުގެ ސަޕޯޓަރުންނެވެ. އެއީ އެ ކްލަބުން 1967 ވަނަ އަހަރު ޔޫރަޕިއަން ކަޕް ކާމިޔާބުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ދަނޑުގައި ދައްކާލި އާދާޔާހިލާފު ހަރަކާތަށެވެ.

ދަ ބެސްޓް ފީފާ އެވޯޑަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން މިދިޔަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އޭގެ ކުރިން ހަޔެއްކަ އަހަރު ފީފާ އިން ވަނީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ ގުޅިގެން ފީފާ ބެލޮންޑިއޯ އެވޯޑް ދީފަ އެވެ. އެކަމަކު ފީފާ އިން ބެސްޓް އެވޯޑް ތައާރަފްކުރުމާ އެކު ބެލޮންޑިއޯ އަނެއްކާ ވެސް ދެމުން އަންނަނީ ވަކި އެވޯޑެއްގެ ގޮތުގަ އެވެ. ފީފާ އެވޯޑަށް ވޯޓް ދެނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ހޮވާލެވޭ ނޫސްވެރިންތަކެކެވެ.