ހަރުފަ އާއި ފައިދިގުމަކުނު ދެކެ ބިރުގަތުމަކީ ތޮބީއީ ކަމެއް: ދިރާސާ
ހަރުފަ އާއި ފައިދިގުމަކުނު ދެކެ ބިރުގަތުމަކީ ތޮބީއީ ކަމެއް: ދިރާސާ

ފައިދިގުމަކުނާއި ހަރުފަ ފަދަ ދިރޭތަކެތި ދެކެ ބިރުގަތުމަކީ ތޮބީއީ ކަމެއްތޯ ނުވަތަ ޅަ އުމުރުގައި ދަސްވާ ކަމެއްތޯ ސައިންސްވެރިން ބަހުސްކުރާތާ އެތައް އަހަރެއް ވެފައިވާ އިރު، އާ ދިރާސާއެއް ބުނާގޮތުގައި އެއީ ހަމަ ހަގީގަތުގައި ވެސް އިންސާނުންގެ ޑީއެންއޭގައި ހުންނަ ކަމެކެވެ.

ސްވިޑްންގެ މެކްސް ޕްލެންކް އިންސްޓިޓިއުޓް ފޯ ހިއުމަން ކޮގްނިޓިވް އެންޑް ބްރެއިން ސައިންސްގެ ޓީމަކުން ހެދި ދިރާސާގައި މިފަދަ ދިރޭތަކެތި ފެނުމުން ކަންބޮޑުވާކަމުގެ އަލާމާތްތައް އުމުރުން އެންމެ ހަ މަހުގެ ތުއްތު ކުދިންގެ ފަރާތުން ވަނީ ފާހަގަވެފަ އެވެ.

އެކި ކަހަލަ ފޯބިއާތައް (ބިރުގަތުން) ހުންނަ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި އެކަނި ވެސް 10 މިލިއަނަށް އަރާނެ ކަމަށް ބެލެވޭ އިރު، އެންމެ ގިނަ ބަޔަކު ކަންބޮޑުވަނީ ހަރުފަ އާއި ފައިދިގުމަކުނާ މެދުގަ އެވެ.

ސްވިޑްންގެ ދިރާސާގައި ތުއްތުކުދިންނަށް ފައިދިގުމަކުނާއި ހަރުފައިގެ ފޮޓޯއާ އެކު މަލާއި މަހުގެ ފޮޓޯ ދެއްކި އެވެ. އެ ހުރިހާ އެއްޗެހި ވެސް ހުރީ އެއް ކުލައެއްގައި އެއް ސައިޒަކަށެވެ. އެކަމަކު ފައިދިގުމަކުނާއި ހަރުފައިގެ ފޮޓޯ އަށް ބަލާ ކޮންމެ ފަހަރަކު އެ ކުދިންގެ ލޮލުގެ ކުޑަކަޅި (ޕިއުޕިލް) ބޮޑުވެ އެވެ. އެއީ އިންސާނަކު ސްޓްރެސް ތަޖުރިބާކުރާ ކަމުގެ ހެއްކެކެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވި ސްޓެފަނީ ހޮއޭލް ވިދާޅުވީ އައްޔަށް ބަދަލެއް ނާންނަ އިރު މި ގޮތަށް ލޮލުގެ ކުޑަކަޅީގެ ސައިޒު ބަދަލުވުމަކީ ސްޓްރެސްއާ މެދު އަމަލުކުރުމަށް ސިކުނޑީގައި ހަމަޖެހިފައިވާ ނިޒާމު ހަރަކާތްތެރިވާން ފެށިކަމުގެ އިޝާރާތެއް ކަމަށެވެ. އަދި އެފަދަ ދިރޭތަކެތި ފެނިފައި އެންމެ ތުއްތުކުދިން ވެސް ސްޓްރެސްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހާ ޅަ އުމުރެއްގައި ފައިދިގުމަކުނާއި ހަރުފަ ދެކެ ބިރުގަންނަން އެ ކުދިންނަށް ދަސްވެފައި ހުރެދާނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންކަމުން ރިސާޗަރުން ވިދާޅުވަނީ މިއީ އުފެދުމުގައި ވެސް އިންސާނާގެ ކިބައިގައި ހުންނަ ކަމެއް ކަމަށެވެ. ހޮއޭލް ވިދާޅުވިގޮތުގައި މިފަދަ ދިރޭތަކެތި ދެކެ ޖެހިލުންވުން ވާރުތަކޮށްފައިވާތީ އަހަރެމެންނަށް އެ އެއްޗެހި ފެންނަނީ ނުރައްކާތެރި ނުވަތަ ފަކުރު އެއްޗެހީގެ ގޮތުގަ އެވެ. އަދި މި ކަންބޮޑުވުން އެހެން ކަންތައްތަކަކާ ގުޅިލާމެހިއްޖެ ހާލަތެއްގައި އެކަން ހަގީގީ ބިރުވެރިކަމަކަށް ބަދަލުވެ ފޯބިއާ އިހުސާސްވުމުގެ ފުރުސަތު ވެސް އޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ތޮބީއީގޮތުން އިހުސާސްކުރެވޭ ބިރު، މައިންބަފައިން ގަންނަ ބިރުގެ ސަބަބުން އިތުރަށް ބޮޑުވެ މީހާ އަށް އެންޒައިޓީ ބައްޔާ ކުރިމަތިލާން ވެސް ޖެހިދާނެ އެވެ.

ރިސާޗަރުން ފާހަގަކުރައްވާ ގޮތުގައި ނުރައްކާތެރި ޖަނަވާރުތައް ކަމަށް ގަބޫލުކުރެވިފައިވާ ސާރިދޯޅު ފަދަ އެއްޗެހި ފެނުނަސް ތުއްތުކުދިން ބިރެއް ނުގަނެ އެވެ. އޭގެ ސަބަބެއް ކަމަށް އެ ޓީމުން ލަފާކުރަނީ އެފަދަ ޖަނަވާރުތައް އިންސާނުން ދިރިއުޅޭ ތަންތަނުގައި ނޫޅޭ ކަމެވެ. އެއާޚިލާފަށް ހަރުފަ އާއި ފައިދިގުމަކުނު ވަނީ އިންސާނުންނާ އެއް މާހައުލުތަކެއްގައި 40-60 މިލިއަނަށް ވުރެ ގިނަ އަހަރު ދިރިއުޅެފަ އެވެ.