24 އޮކްޓޯބަރ 2017 - 06:11

ދާހިތްލާ ގޮތަށް މޫނާއި ދެ އަތްތިލައިން ލޭ އަންނަ ޒުވާން އަންހެނަކަށް ފަރުވާ ދޭން ޖެހި، އިޓަލީގެ ޑޮކްޓަރުންގެ ޓީމެއް އަޖައިބުވެއްޖެ އެވެ. ކާކުކަން ހާމަކޮށްފައި ނުވާ، އުމުރުން 21 އަހަރުގެ އެ މީހާގެ ގައިން މި ގޮތަށް ލޭ ބޭރުވަނީ ހަމުގައި އެއްވެސް ކަހަލަ ޒަޚަމެއް ނެތި އެވެ.
ކެނޭޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި އިއްޔެ ޝާއިއުކޮށްފައިވާ މި ކޭސްގައި އަންހެންމީހާގެ ގައިން މި ގޮތަށް ލޭ އަންނަތާ ތިން އަހަރު ވެއްޖެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ލޭ އަންނަން ފަށަނީ ވަކި ކަމަކާ ގުޅިގެން ކަމެއް ފާހަގަވެފައެއް ނުވެ އެވެ. އެހެން ހުރެފައި ހަމަ ކުއްލިއަކަށް ލޭ އަންނަނީ ކަމަށާއި ނިދާފައި އޮއްވާ ނުވަތަ ހަރަކާތްތެރިކޮށް އުޅެނިކޮށް ވެސް ލޭ ބޭރުވާން ފަށާފާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ޖާނަލްގައި ބުނެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން އަންހެންމީހާ ވަނީ މުޖުތަމައުން އެކަހެރިވެފަ އެވެ. އަދި އޭނާ އަށް ޑިޕްރެޝަނާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭނާގެ ލޭގެ ޓެސްޓުތަކަށް ފަހު ޑޮކްޓަރުން ވަނީ މިއީ އޭނާ ޖައްސައިގެން އުޅޭ ފޭކެއް ނޫން ކަމަށް ވެސް ނިންމައިފަ އެވެ. އަދި އޭނާ އަށް ޖެހިފައިވަނީ ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއް ކަމަށްވާ "ހެމަޓޯހިޑްރޯސިސް" ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައިފަ އެވެ.
މި ކޭސްގައި މަސައްކަތްކުރާ ޑޮކްޓަރުން ބުނާގޮތުގައި އަންހެންމީހާގެ ގައިން މި ގޮތަށް ލޭ ބޭރުވަނީ ކީއްވެގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެކަމަކު ލަފާކުރެވޭ އެކި ސަބަބުތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، ލޭ ގަނޑުވުމުގެ ގާބިލްކަން ނެތިކޮށްލާ ފަދަ ލޭގެ ބައްޔަކަށް ވުން ނުވަތަ އާދަޔާޚިލާފު ނަފްސާނީ ކަމެއްގެ ސަބަބުން ޖިސްމާނީ ބައްޔެއް މެދުވެރިކުރުވާ "ސައިކޯ-ޖެނެޓިކް" މައްސަލައަކަށް ވުން އެކަށީގެންވާ ކަމަށް މާހިރުން ވިދާޅުވެ އެވެ.
ކެނެޑާގެ ތަޖުރިބާކާރެއް ކަމަށްވާ ޖެކްލީން ޑަފިން ސީބީއެސް އަށް ވިދާޅުވިގޮތުގައި މި ބަލީގެ ކޭސްތައް 16 ވަނަ ގަރުނުން ފެށިގެން ވެސް ފާހަގަކުރެވިފައިވެ އެވެ. ސޯޅަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު ސްވިޓްޒަލެންޑުގައި ގަދަޔަށް ހުން އައި 12 އަހަރުގެ ފިރިހެންކުއްޖެއްގެ ގައިން މި ގޮތަށް ލޭ ބޭރުވެފައިވާ ކަމަށާއި ބެލްޖިއަމްގައި މަރާލަން އުޅުނު ޒުވާނަކު އެކަމާ ފިކުރު ބޮޑުވެގެން ގޮސް އޭނާގެ ގައިން ވެސް، ދާހިތްލާ ގޮތަށް ލޭ އައިސްފައިވާ ކަމަށް ޑަފިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ މި ފަހުގެ އަހަރުތަކުގައި މިފަދަ ކޭސްތައް ފެނިފައިވާލެއް ގިނަކަމުން ކަމަށެވެ. އެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަދުވެގެން 18 މީހަކަށް މި މައްސަލަ ކުރިމަތިވެފައިވާކަން ޑަފިން ފާހަގަކުރެއްވި އެވެ. އެކަމަކު އެއީ ކީއްވެގެންކަމެއް ވިދާޅުވާކަށް އޭނާ އަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.
ޑަފިން ފާހަގަކުރެއްވިގޮތުގައި ހެމަޓޯހިޑްރޯސިސްއަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ބައްޔަކަށް ނުވިޔަސް އެއީ އެކަން ކުރިމަތިވާ މީހުންނަށް ވަރަށް ބޮޑު ބިރުވެރިކަމެކެވެ.
އިޓަލީން ފެނުނު މި ބަލީގެ މީހާ އަށް ފަރުވާއެއްގެ ގޮތުގައި ފްލޮރެންސްގެ ޑޮކްޓަރުންގެ ޓީމުން ދީފައިވަނީ ހިތާއި ލޭގެ ޕްރެޝަރަށް ކާ ބޭހެއް ކަމަށްވާ ޕްރޮޕްރެނޮލޯލް އެވެ. އޭގެ ސަބަބުން، ލޭ ބޭރުވުން މަދުވި ނަމަވެސް އެކަން މުޅިން ހުއްޓިފައެއް ނުވެ އެވެ.