ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓްގައި މައްސަލަތަކެއް
ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓްގައި މައްސަލަތަކެއް

ވިންޑޯޒް 10 ގައި މައްސަލައެއް އުޅޭ ވާހަކަ ލިޔަން ދެރަވެ އެވެ. ނަމަވެސް ބޭނުންކުރާ މީހުން ސަމާލުވުމަށް ބުނެދެމެވެ. ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓް ގައި މައްސަލަތަކެއް އެބަ އުޅެ އެވެ.

ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓް ލިބެން އޮތްކަން އެނގެނީ ސްކްރީނަށް އަރާ ނޮޓިފިކޭޝަނަކުންނެވެ. އަޕްޑޭޓް ލިބުމަށް ފަހު، އިންސްޓޯލްކުރާނެ ވަގުތެއް ނުވަތަ ތާރީޚެއް ކަނޑައަޅައި އިޚުތިޔާރުކުރެވެ އެވެ. ފޯލް ކްރިއޭޓާސް އަޕްޑޭޓަށް ވިންޑޯޒް އަޕްޑޭޓްވުމުން، ތިޔަ ޑިވައިސް ވިންޑޯޒް 10، ވާޝަން 1709 އަށް ބަދަލުވާނެ އެވެ. މިހާރު ބޭނުންކުރެވެނީ ކޮން ވާޝަންއެއްތޯ ބަލާލުމަށް -- "ސްޓާޓް" ބަޓަން އަށް ފިތާލާށެވެ. އެ އަށް ފަހު "ސެޓިން" ދެން "ސިސްޓަމް" އަދި "އެބައުޓް" ޗެކްކޮށްލާށެވެ.

އޮޓަމެޓިކް އަޕްޑޭޓް އައުމުގެ ކުރިން ވެސް ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓް ޑައުންލޯޑްކޮށް އަދި އިންސްޓޯލްކުރެވެ އެވެ. އެކަމަކު އެ ހިސާބަށް ދިއުމުގެ ކުރިން، ފޯލް ކްރިއޭޓާސް އަޕްޑޭޓް އިންސްޓޯލްކުރި މީހުން ކުރި ތަޖުރިބާއިން ދެތިން ކަމެއް ބުނެދެމެވެ.

ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓް އަށް ބަދަލުވުމާ އެކު ބައެއް އެޕްލިކޭޝަންތައް ގެއްލެ އެވެ. ސްޓާޓް މެނޫއިން ވެސް ބައެއް އެޕް އައިކަންތައް ނެތި ދެ އެވެ. ވިންޑޯޒް 10 ވާޗުއަލް އެސިސްޓޭންޓް "ކޯޓާނާ" ކުރެން އަހައިގެން ވެސް، އެ އެޕްލިކޭޝަންތަކަށް ވީ ގޮތެއް ނޭނގެ އެވެ. އެ އެޕްލިކޭޝަންތައް އިންސްޓޯލްކޮށްފައި ހުރިކަން އެނގެނީ، މައިކްރޮސޮފްޓް ސްޓޯރަށް ވަދެ އެ އެޕްލިކޭޝަނެއް ޗެކްކޮށްލުމުންނެވެ.

ޑިވައިސްގައި އެޕްލިކޭޝަންތައް ހުރި ކަމަށް ދެއްކި ނަމަވެސް ހުންނަނީ ބޭނުންކުރެވޭ ހާލަތަކު ނޫނެވެ. މި މައްސަލަ ދިމާވަނީ ވިންޑޯޒް އިންސްޓޯލްކުރާއިރު އޮޓަމެޓިކުން އަޅާ އެޕްލިކޭޝަންތަކަށެވެ. އެ ގޮތުގައި މައިކްރޮސޮފްޓް އަމިއްލަ އެޕްލިކޭޝަން ސްޓޯރުން އިންސްޓޯލްކޮށްފައި ހުންނަ ބައެއް އެޕްލިކޭޝަންތަކަށް ވެސް މި އަސަރުކުރެ އެވެ.

ފޯލް ކްރިއޭޓާސް އަޕްޑޭޓަށް ބަދަލުވުމުން ގެއްލޭ އެޕްލިކޭޝަންތައް ހޯދާނެ ކަށަވަރު ގޮތެއް އަދި ނެތެވެ. މި މައްސަލަ ހައްލުކޮށް އެޕްލިކޭޝަންތައް އަނބުރާ ގެންނާނެ ގޮތެއް މައިކްރޮސޮފްޓުން އީޖާދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓްއާ ގުޅުން ހުރި ކަމަށް ބެލެވޭ އަނެއް މައްސަލަ އަކީ ބައެއް މޮޑެލްތަކުގެ މޮނީޓަރުތައް "ސްލީޕް މޯޑް" އަށް ނުދިއުމެވެ. ނަމަވެސް މިއީ ފޯލް ކްރިއޭޓާސް އަޕްޑޭޓަށް ވުރެ ކުރިން ވެސް އުޅޭ މައްސަލައެއް ކަމަށް ބެލެވެ އެވެ. ވިންޑޯޒް 10 "ޕަވާ އޮޕްޝަން" ބަދަލުކޮށް މޮނީޓަރު ސްލީޕް މޯޑަށް ދާ ގޮތް ހެދި ނަމަވެސް، މަސައްކަތެއް ނުކުރެވެ އެވެ. މިއީ ވެސް ވިންޑޯޒް 10 އަޕްޑޭޓްތަކާ ގުޅުން ހުރި މައްސަލައަކަށް ވާތީ، ހައްލެއް ހޯދަން މަސައްކަތްކުރާ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.