06 ޖުލައި 2016 - 13:39

ލިވަޕޫލުގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އާއި ސާބިއާގެ މިޑްފީލްޑަރު ލަޒާ މާކޮވިޗް އަށް ދެ ވަނަ ފުރުސަތެއް ދޭން އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކްލޮޕް ލިވަޕޫލާ ހަވާލުވިއިރު، ލޯން އެއްބަސްވުމެއްގެ ދަށުން ބަލޮޓެލީ ކުޅެމުން އައީ އޭސީ މިލާން އަށެވެ. އަދި މާކޮވިޗް ކުޅެމުން އައީ ތުރުކީގެ ފެނަބާޗޭ އަށެވެ. މި ދެ ކުޅުންތެރިން ލޯންގެ މުއްދަތު ހަމަވުމުން އަލުން ވަނީ ލިވަޕޫލާ ގުޅިފަ އެވެ.
ބަލޮޓެލީ ލިވަޕޫލަށް ބަދަލުވީ 2014 ވަނަ އަހަރު އޭސީ މިލާނުން 16 މިލިއަން ޕައުންޑަށެވެ. އަދި މާކޮވިޗް ގަތީ ބެންފީކާ އަށް 20 މިލިއަން ޕައުންޑް ދީފަ އެވެ. މިދެ ކުޅުންތެރިން މިދިޔަ ސީޒަނުގައި ލިވަޕޫލް ދޫކޮށްލީ އޭރު ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސްއާ މައްސަލަ ޖެހިގެންނެވެ.
އާ ސީޒަނަށް ލިވަޕޫލުން ފަރިތަކުރުންތައް ފަށާފައިވާއިރު، ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ މާކޮވިޗާއި ބަލޮޓެލީ އަށް ޓީމުން ފުރުސަތު ދޭން ނިންމައިފަ އެވެ.
"ބަލޮޓެލީ އާއި މާކޮވިޗަކީ ހުނަރުވެރި މޮޅު ދެ ކުޅުންތެރިން. ޓީމުގައި މި ވަގުތު އެބަތިބި ގިނަ ފޯވާޑުން. އެކަމަކު ބަލޮޓެލީ އަށް ވެސް ފުރުސަތު ނެތޭ ބުނަން ނެތިން. މާކޮވިޗަކީ ވެސް މުހިއްމު ކުޅުންތެރިއެއް. މިއީ އެ ދެ ކުޅުންތެރިންނަށް ކްލަބްގައި މުސްތަގުބަލެއް އޮތްކަން ސާބިތުކޮށްދޭންވީ ވަގުތު." ކްލޮޕް ބުންޏެވެ.
މިިދިޔަ ސީޒަނުގައި ބަލޮޓެލީގެ ފަރާތުން މިލާނުގައި މޮޅު ކުޅުމެއް ފެނިފައިނުވުމުން ލިވަޕޫލުން ފުރަތަމަ ނިންމީ އޭނާ ވިއްކާލުމަށެވެ. ނަމަވެސް ލިވަޕޫލުން ބޭނުންވާ އަގުގައި އޭނާ ގަންނާނެ ޓީމެއް ނުވުމުން އޭނާ ލިވަޕޫލްގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.