އެވަޓަންގެ ކޯޗުކަމުން ކޫމަން ވަކިކޮށްފި
އެވަޓަންގެ ކޯޗުކަމުން ކޫމަން ވަކިކޮށްފި

ލިވަޕޫލް (އޮކްޓޯބަރު 23) - މަގާމާ ހަވާލުވިތާ 16 މަހަށް ފަހު އެވަޓަންގެ ކޯޗުކަމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވަޒީފާ ސަލާމަތްކުރަން ފަހު ފުރުސަތެއްގެ ގޮތުގައި އެވަޓަންގެ ބޯޑުން ކޫމަން އަށް ވަނީ އިއްޔެ އާސެނަލްގެ މެޗުން މޮޅުވުމަށް ނުރަސްމީ ގޮތެއްގައި އަންގައިފަ އެވެ. އާސެނަލް އަތުން 5-2 އިން ބަލިވެ އެވަޓަން ރެލިގޭޝަން ޒޯނަށް ވެއްޓުމުން އެ ޓީމުގެ ބޯޑުން ވަނީ ކޫމަން މަގާމުން ދުރުކޮށްފަ އެވެ.

މި ސީޒަނަށް ތައްޔާރުވުމަށް އެންމެ ގިނަ ކުޅުންތެރިން ގެނައި އެއް ކްލަބަކީ އެވަޓަން އެވެ. އެ ޓީމުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި 149 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އެ ޓީމަކީ އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ހަ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި ޓީމެވެ.

ކޫމަންގެ އިރުޝާދުގެ ދަށުން އެވަޓަން ވަނީ 58 މެޗު ކުޅެފަ އެވެ. މޮޅުވީ 24 މެޗުންނެވެ. އަދި 20 މެޗުން ބަލިވިއިރު 14 މެޗުން ވަނީ އެއްވަރުވެފަ އެވެ. އޭގެ ތެރެއިން 47 މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކެވެ. ޕްރިމިއާ ލީގުގައި އެވަޓަން ގޮވައިގެން ކޫމަން އަށް ހޯދުނީ 19 މޮޅެވެ.

މި ސީޒަނުގައި މިހާތަނަށް އެވަޓަން ލީގުގައި ކުޅުނު ނުވަ މެޗުން މޮޅުވީ ދެ މެޗުންނެވެ. ފަސް މެޗުން ބަލިވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ލީގުގެ 18 ވަނައިގައި އެ ޓީމު އޮތީ އަށް ޕޮއިންޓާ އެކު އެވެ.

އެވަޓަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ކޯޗެއް ހަމަޖައްސާނެ ކަމަށެވެ. އަންނަ ބުދަ ދުވަހުގެރޭ ލީގު ކަޕްގައި ޗެލްސީއާ ދެކޮޅަށް އެވަޓަން ކުޅޭ މެޗުގައި އެ ޓީމަށް ކޯޗުކޮށްދޭނީ އެ ޓީމުގެ ރިޒާވްޓީމުގެ ކޯޗު ޑޭވިޑް އަންސްވޯތު އެވެ.

ކުރިން ބާސެލޯނާ އަށް ކުޅުނު ކޫމަން ވަނީ 1998 އިން 2000 އަށް ބާސެލޯނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ގިނަ ކްލަބްތަކަށް އިރުޝާދުދީފަ އެވެ. އޭގެ ތެރޭގައި އަޔެކްސް، ޕީއެސްވީ، ބެންފީކާ އަދި ވެލެންސިއާ ހިމެނެ އެވެ.