ކުޑަކޮށް ހިނގާލުމުން ވެސް ބޮޑު ފައިދާއެއް
ކުޑަކޮށް ހިނގާލުމުން ވެސް ބޮޑު ފައިދާއެއް

ރޭގަނޑުގެ ކެއުމަށް ފަހު ބައެއް މީހުން ކުޑަކޮށް ބަނޑު ހަމަޖައްސާލަން ހިނގާލަ އެވެ. ސައިންސްވެރިން ބުނަނީ މިއީ ހީކުރާ ވަރަށް ވުރެ ފައިދާ ކަމެއް ކަމަށެވެ. އާދަކޮށް، ކޮންމެ ދުވަހަކު ކިތަންމެ ކުޑަ މިންވަރަކަށް ހިނގައިލިޔަސް ފުރާނައަށް ނުރައްކާވާލެއް ކުޑަވެގެން ދާ ކަމަށް ވެ އެވެ.

"ހިނގުމަކީ އެންމެ ބަރާބަރު ކަސްރަތުގެ ގޮތުގައި ބެލެވޭ ސަބަބަކީ އެއީ ވަރަށް އާދައިގެ އަދި އެމީހަކަށް ފަސޭހަ ގަޑިއަކު މިނިވަން ކަމާ އެކު ކޮށްލެވޭ ކަސްރަތަކަށް ވާތީ. މި ކަސްރަތަކަށް ވަކި ޚާއްސަ އާލާތެއް ބޭނުމެއް ނުވޭ. ނުވަތަ ވަކި ކަހަލަ ތަމްރީނުތަކެއް ހަދާކަށް ނުޖެހޭ. ކޮންމެ އުމުރެއްގެ މީހަކަށް މިއީ ކުރެވިދާނެ ކަމެއް،" އެމެރިކަން ކެންސާ ސޮސައިޓީގެ ސިއްހީ މާހިރަކު ވިދާޅުވި އެވެ.

އުމުރުން 65 އަހަރު ނުވަތަ އެއަށް ވުރެ މަތީ އުމުރުގެ މީހުންގެ އަދަދު 2030 އާ ހަމައަށް ދާއިރު މިހާރު ތިބި މީހުންނަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އުމުރުން ދުވަސްވާ ވަރަކަށް ހިނގުމުގެ އާދަ ހިފުމަށް ސިއްހީ މާހިރުން އަންނަނީ ލަފާ ދެމުންނެވެ.

ގަވާއިދުން ކޮންމެ ދުވަހަކު ހިނގުމުން ހިތުގެ ބަލިތަކާއި ހަކުރުބަލި އަދި އުރަމައްޗާއި ގޮހޮރުގެ ކެންސަރުން ދިފާއުވާ ކަމަށް މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

އެންމެ އެކަށީގެންވާ މިންވަރަކީ ހަފުތާއަކު 150 މިނިޓް އާދައިގެ ވަރަކަށް އަދި 75 މިިނިޓް ތަންކޮޅެއް ބާރަށް ހަށިގަނޑަށް ކަސްރަތު ލިބުނެވެ.

މިފަހަރުގެ ހޯދުމުގައި ސައިންސްވެރިން ބަލާފައި ވަނީ އެެމެރިކާގެ 140،000 މީހުންގެ މައުލޫމާތެވެ. މީގެ ތެރެއިން 95 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުން ކޮންމެވެސް ވަރަކަށް ހިނގާ ކަމަށެވެ. ދެބައިކުޅަ އެއްބައިމީހުން ބުނެފައި ވަނީ ހިނގުމަކީ އެމީހުން ކަސްރަތުގެ ގޮތުން ކުރާ ހަމައެކަނި ކަންތައް ކަމަށެވެ.

މި މީހުން މަރުވާން މެދުވެރިވެދާނެ އެހެނިހެން ނުރައްކާތަކަށް ވެސް ސައިންސްވެރިން ބަލާފައިވެ އެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރާއި ފަލަބަލި އަދި ސިއްހީ ބޮޑު މައްސަލައެއް ހުރިތޯ ބެލުން ހިމެނެ އެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށް ފަހު ސައިންސްވެރިން ބުނީ ހަމައެކަނި ހިނގުމުގެ ކަސްރަތުކުރާ މީހުންގެ ތެރެއިން ހަފުތާއަކު ދެ ގަޑިއިރަށް ވުރެ މަދުން ހިނގާ މީހުން އެކިއެކި ސިއްހީ މައްސަލަތަކާ ހެދި މަރުވުމުގެ ފުރުސަތު، އެއްގޮތަކަށް ވެސް ނުހިނގާ މީހުންނަށް އޮންނަ ވަރަށް ވުރެ ކުޑަ ކަމަށެވެ. ހިނގާ ވަގުތު އިތުރުކުރާ ވަރަކަށް މި މީހުންގެ ސިއްހަތަށް ވެސް ފައިދާކުރާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ހިނގުމަކީ ނޭވާލުމުގެ ނިޒާމަށް ދިމާވާ ތަފާތު މައްސަލަތަކުގެ ނުރައްކާ ވެސް ކުޑަކޮށްދޭ ކަމެކެވެ. އަދި ހިތުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ 20 ޕަސެންޓް ދަށްވާ ކަމަށްވެ އެވެ. އަދި ކެންސަރު ފަދަ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދޭ ކަމަށް ސައިންސްވެރިން ބުންޏެވެ.

ނަމަވެސް ހިނގުމާއި ބަލިތަކުން ދުރުވުމާ ސީދާ ގުޅުން ހުރި މިންވަރެއް މި ދިރާސާތަކުގައި ހޯދިފައެއް ނެތެވެ. އެނގުނީ މި ދެ ކަމުގައި ކޮންމެވެސް ކަހަލަ ގުޅުންތަކެއް ހުރި ކަމަށެވެ.

މި ހޯދުންތައް އެމެރިކަން ޖާނަލް އޮފް ޕްރިވެންޓިވް މެޑިސިންގައި ވަނީ ޝާއިއުކޮށްފަ އެވެ.