09 ނޮވެމްބަރ 2017 - 06:52

އެސްޕްރިން އާއްމުކޮށް ބޭނުންކުރަނީ ބޮލުގައި ރިހުން ފަދަ ކަންކަމަށެވެ. ލޭ ގަނޑުވުމާއި ހިތުގެ މައްސަލަތައް ހުންނަ މީހުން ވެސް އެސްޕްރިން ބޭނުން ކުރެ އެވެ.
އެސްޕްރިން ބޭނުން ކުރުމުން މިފަދަ އަސަރުތައް ކުރަނީ އޭގައި ސެލިސިލިކް އެސިޑް ކިޔާ އެކްޓިވް އިންގްރީޑިއަންޓެއް ހުންނާތީ އެވެ.
ސްޓްރޯކް ޖެހޭ މީހުންގެ ލޭ އަންނަން މެދުވެރިވަނީ އެސްޕްރިން ބޭނުންކުރާތީ ކަމަށް ކުރީގެ ބައެއް ހޯދުންތަކުން ދެއްކި ނަމަވެސް ފަހުގެ ދިރާސާތައް ބުނަނީ އެސްޕްރިން އަކީ ލިވާ ކެންސަރުގެ ނުރައްކާ ވެސް ކުޑަކޮށްދޭ އެއްޗެއް ކަމަށެވެ. ސައިންސްވެރިން މިހާރު ބުނަނީ ކޮންމެ ދުވަހަކު އެސްޕްރިންގެ ފަރުވާ ހޯދުމުން ލިވާ ކެންސަރާ ގުޅިގެން ޖެހޭ ހެޕަޓައިޓިސް ބީގެ ނުރައްކާ ކުޑަވާ ކަމަށެވެ.
ހެޕަޓައިޓީސް ބީ އަކީ ލިވާ އަށް ހަމަލާދޭ ވައިރަލް އިންފެކްޝަނެކެވެ. މި ބަލިޖެހިފައިވާ މީހެއްގެ ލެއިން ނުވަތަ ގައިގައި ހުންނަ އެހެން ދިޔައަކުން ވެސް އެހެން މީހުންގެ ގަޔަށް އަރާފާނެ އެވެ. އަދި މިއީ ބައެއް ފަހަރަށް ވަރަށް ބޮޑުވަރުވާ ބައްޔެކެވެ.
ދުނިޔޭގެ 240 މިލިއަނަށް ވުރެ ގިނަ މީހުންނަށް ހެޕަޓައިޓިސް ބީ ޖެހިފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. މި ދިރާސާ ބުނާ ގޮތުން މި ބަލި އެންމެ ގިނައީ އޭޝިއާ އާއި އެފްރިކާ މީހުންގެ މެދުގަ އެވެ.
ކުރިން ކޮށްފައިވާ ބައެއް ދިރާސާތައް ބުނާ ގޮތުގައި ކޮންމެ ދުވަހަކު އެސްޕްރިން ކެއުމަކީ ކެންސަރު އުފެދުން ދުރުކޮށްދޭ ކަމެކެވެ. ހިތާއި ސިކުނޑިއާ ގުޅިފައިވާ ލޭހޮޅިތަކުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާއަކަށް އެސްޕްރިން ދެ އެވެ.