އައްޑޫ ޖަލްސާ އަށް 2،300 މީހުން ދިޔަ، މިއީ ރެކޯޑު އަދަދެއް: ޚަލީލް
އައްޑޫ ޖަލްސާ އަށް 2،300 މީހުން ދިޔަ، މިއީ ރެކޯޑު އަދަދެއް: ޚަލީލް

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމުން އައްޑޫގައި ބޭއްވި ޖަލްސާ އަށް 2،300 މީހުން ދިޔަ ކަމަށާއި މިއީ ރެކޯޑު އަދަދެއް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ ތާއީދު ބޮޑު، އައްޑޫގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްވެ ހުންނަވައި ބޭއްވި ޖަލްސާ އަށް ގިނަ އަދަދަކަށް މީހުން ގޮސްފައިވާ ކަމަށް ބުނެ އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކުރައްވަމުންނެވެ. އެ ޖަލްސާގެ ހާޒިރީން، އައްޑޫގައި ރައީސް ޔާމީންގެ ތަރައްގީ ބަލައިގަނެ، އެމަނިކުފާނަށް އޮތް ތާއީދު ފެނިފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ޚަލީލް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވަނީ އައްޑޫގެ ރައްޔިތުންނަށް އިހުމާލުވެފައި ކަމަށެވެ. އައްޑޫގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވަމުން ގެންދަވާ ވެރިއަކީ، ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް، އިދިކޮޅު ގިނަ ޕާޓީތައް ގުޅިގެން އައްޑޫގައި ބޭއްވި ޖަލްސާތަކަށް ނިކުތް އަދަދަށް ވުރެ ގިނައިން ޕީޕީއެމްގެ ޖަލްސާގައި މީހުން ބައިވެރިވީ، އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި، ވަޒީފާގެ ބިރު ދައްކައިގެންނެވެ.

އައްޑޫގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވިއިރު، އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ތިން އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި އައްޑު އަށް މިހާ ބޮޑު ހޭދައެއް ކުރި ކަމަށް ބުނެވޭނެ އެހެން އެއްވެސް ސަރުކާރެއް ނޯންނާނެ އެވެ. އައްޑޫގެ ތަރައްގީ އަށް އެމަނިކުފާނުގެ ސަރުކާރުން އަދިވެސް ކުރިއަށް ގެންދަން ބޭނުންވާ ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.