ފާޑުކިޔުން ބޮޑުވުމުން އެންމެ ފަހުން މުގާބޭ އަށް މަގާމު ނުދޭން ނިންމައިފި
ފާޑުކިޔުން ބޮޑުވުމުން އެންމެ ފަހުން މުގާބޭ އަށް މަގާމު ނުދޭން ނިންމައިފި

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 23) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބަސެޑަރަކަށް ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ހަމަޖައްސަން ނިންމި ނިންމު ބަދަލުކޮށް އޭނާ އަށް އެ މަގާމު ނުދޭން ނިންމައިފި އެވެ.

"ހުރިހާ ފަރާތްތަކެއްގެ އަޑު ވެސް މިހާރު ވާނީ އަހާފައި،" ޑަބްލިއުއެޗްއޯގެ އާ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

ޓެޑްރޯސް ކުރިން ވަނީ ޒިމްބާބުވޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އެކަމަކު ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ޒިމްބާބުވޭގެ ސިއްހީ ނިޒާމު އޮތީ ފެއިލްވެފައި ކަމަށެވެ.

މުގާބޭގެ 37 އަހަރުގެ ވެރިކަމުގެ ފުރަތަމަ 20 އަހަރު ޒިމްބާބުވޭގެ ސިއްހީ ނިޒާމް ވަނީ ފުޅާކޮށްފަ އެވެ. އެކަމަކު 2000 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދު ހީނަރުވި ފަހުން ގައުމުގެ ސިއްހީ ނިޒާމު ވަނީ ބޮއްސުން ލައިފަ އެވެ. މުވައްޒަފުންނަށް މުސާރަ ނުދޭއިރު ބޭހެއް ލިބޭކަށް ނުހުރެ އެވެ.

ޓެޑްރޯސް ވިދާޅުވީ ޒިމްބާބުވޭގެ އޮފިޝަލުންނާ އޭނާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ ޑަބްލިއުއެޗްއޯގެ އަގު ހިފެހެއްޓުމަށްޓަކައި މުގާބޭ އަށް އެމްބަސެޑަރުކަން ނުދޭން ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބަސެޑަރަކަށް މުގާބޭ ހަމަޖެއްސުމުން ބައެއް ޖަމާއަތްތަކާއި އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ޒިމްބާބުވޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި މުގާބޭގެ ޚުދުމުޚްތާރު ކަމަށް ބަލާ އިރު އެފަދަ މަގާމެއް ޑަބްލިއުއެޗްއޯ އިން އޭނާ އަށް ދިނުމަކީ ލަތުވެތި ކަމެއް ކަމަށެވެ.

އިތިއޯޕިއާ އަށް އުފަން ޓެޑްރޯސް އަކީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ކަމަށް އިސްކުރި އެފްރިކާގެ ފުރަތަމަ ބޭފުޅާ އެވެ.