އައްޑޫ ނަރުދަމާގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ: ތޯރިގް
އައްޑޫ ނަރުދަމާގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ: ތޯރިގް

އައްޑޫގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން އައްޑޫގައި ބޭއްވި "އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ބޭއްވި ޖަލްސާ އަށް މިދިޔަ ހަފުތާ ބަންދުގައި އައްޑު އަށް ވަޑައިގެން މިނިސްޓަރު ވަނީ ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.

ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ނަރުދަމާގެ މަސައްކަތް ރާވާފައިވާ ތާވަލާ އެއްގޮތަށް އަންނަ އަހަރުގެ ދެ ވަނަ މޭ ޖޫން ހިސާބުގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

އައްޑޫގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. ހިތަދޫގެ ނަރުދަމާ ނިޒާމްގެ ތެރެއިން ނުނިމި އޮތް ދެކުނު ސަރަހައްދުގައި ނަރުދަމާ އަޅަނީ އެމްޑަބްލިއުއެސްސީންނެވެ. އަދި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ނަރުދަމާގެ މަސައްކަތް ކުރަނީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނުންނެވެ.

އައްޑޫގެ ނަރުދަމާ ނިޒާމް މި ސަރުކާރުން ރަސްމީކޮށް އިފުތިތާހު ކުރީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.

އޯޕެކް ފަންޑް ފޮ ޑިވެލޮޕްމެންޓް (އޯފިޑް) ގެ ލޯން އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެއް އަތޮޅަކަށް އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ އައްޑުއަށެވެ. އައްޑޫގައި މަޝްރޫއުތައް ހިންގަން މިހާތަނަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.