ކުރިން ބަލިވެއިން އަންހެނެއްގެ ލޭ ފިރިހެނުންގެ ގަޔަށް އެޅުން ރަނގަޅެއް ނޫން
ކުރިން ބަލިވެއިން އަންހެނެއްގެ ލޭ ފިރިހެނުންގެ ގަޔަށް އެޅުން ރަނގަޅެއް ނޫން

ފިރިހެނަކަށް ލޭ އަޅަންޖެހޭ ކަހަލަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ ގަޔަށް އަޅާ ލެޔަކީ ކުރިން ބަލިވެ އިނދެފައިވާ އަންހެނެއްގެ ލޭ ނޫންކަން ޔަގީން ކުރުމަށް ސައިންސްވެރިން ލަފާ ދީފި އެވެ. ދިރާސާއަކަށް ފަހު ބުނަނީ ކުރިން ބަލިވެ އިން މީހެއްގެ ލޭ ފިރިހެނެއްގެ ގަޔަށް އަޅައިގެން ފުރާނަޔަށް ނުރައްކާ ވެސް ވެދާނެ ކަމަށެވެ.

ލޭ އެޅުމާ ގުޅިގެން ދިމާވާ ފުރާނައަށް ނުރައްކާ އެއް މައްސަލައަކީ ޓްރާންސްފިއުޝަން-ރިލޭޓަޑް އެކިއުޓް ލަންގް އިންޖަރީ (ޓްރާލީ) އެވެ. ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ލޭ އެޅުމުގެ ސަބަބުން މި މައްސަލަ ދިމާވަނީ ކުރިން ބަލިވެ އިނދެފައިވާ އަންހެނެއްގެ ގައިން ނަގާ ލޭ ފިރިހެނެއްގެ ގަޔަށް އެޅީމަ އެވެ.

ލޭ އެޅުމަކީ ރައްކާތެރި ކަމެކެވެ. ލޭ ފޮނުވަނީ އައިވީގެ ޒަރިއްޔާއިން ނާރަށެވެ. މިގޮތަށް ލޭ އަޅަން އާންމުގޮތެއްގައި ޖެހެނީ އޮޕަރޭޝަނެއް ކުރުމުގެ ތެރޭގައި މާގިނައިން ލޭ ބޭރުވުމުން ނުވަތަ ސީރިއަސް އެކްސިޑެންޓެއްގެ ސަބަބުން މާ ގިނައިން ލޭ ފޭބުމުންނެވެ.

ޖާނަލް ޖާމާގައި ސައިންސްވެރިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަންހެނެއްގެ ގަޔަށް، ކުރިން ބަލިވެ އިން އަންހެނެއްގެ ލޭ އެޅިޔަސް ނުރައްކަލެއް ދިމާނުވާކަން މި ހޯދުމުން ވަނީ ހާމަވެފަ އެވެ.

"ދުވަހަކުވެސް ބަލިވެ އިނދެފައިވާ އަންހެނެއްގެ ގައިން ލޭ ނަގައިގެން ފިރިހެނެއްގެ ގަޔަށް ރެޑް ބްލަޑް ސެލް ޓްރާންސްފިއުޝަން ހެދުމުން އެމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތައް މެދުވެރިވޭ. ނަމަވެސް މިފަދަ އަންހެނެއްގެ ގައިން އަންހެނެއްގެ ގަޔަށް ލޭ އަޅައިގެން އެއްވެސް މައްސަލައެއް ދިމައެއް ނުވޭ،" ނެދަލެންޑްސްގެ ސެންކުއިން ރިސާޗްގެ ސައިންސްވެރިއަކު ވިދާޅުވި އެވެ.

މިގޮތަށް ދިމާވާން މެދުވެރިވަނީ ބަލިވެ އިނުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ އިމިއުނޮލޮޖިކް ބަދަލުތަކެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

"ފަހަރެއްގައި ވެދާނެ ކުރިން އެންމެ ފަހަރަކު ނަމަވެސް ބަލިވެ އިނދެފައިވާ އަންހެނުންނާއި ފިިރިހެނުންގެ ލޭގައި ދަގަނޑުގެ ބައި ބެހިފައިވާ ގޮތަށް އައިސްފައިވާ ބޮޑު ބަދަލަކުން ދިމާވާ ކަމަކަށް ވެސް. ބައެއް ދިރާސާތައް ބުނަނީ ދެ ޖިންސުގެ މީހުންގެ މެދުގައި ހުންނަ ރެޑް ބްލަޑް ސެލްސް ފިޒިއޮލޮޖީގެ ތަފާތުން ދިމާވާ ކަމެކޭ،" ސައިންސްވެރިޔާ ވިދާޅުވި އެވެ.

މިފަހަރުގެ ހޯދުމުގައި ސައިންސްވެރިންގެ ޓީމުން ވަނީ ތިން ވައްތަރެއްގެ ޑޯނާއިންގެ ގައިން ލޭ ނަގައިގެން 59،320 ފަހަރު ރެޑް ބްލަޑް ސެލް ޓްރާންސްފިއުޝަން ހެދި 31،118 މީހަކަށް ކަންތައްތައް ދިމާވި ގޮތް އެނަލައިޒްކޮށްފަ އެވެ. ލޭ ހަދިޔާކުރި ޑޯނާއިންގެ ތެރެއިން 88 ޕަސެންޓަކީ ފިރިހެނުންނެވެ. ހަ ޕަސެންޓް އަންހެނުންނަކީ މާޒީގައި ބަލިވެ އިނދެފައި ތިބި މީހުންނެވެ. އަނެއް ހަ ޕަސެންޓަކީ އެއްގޮތަކަށް ވެސް ބަލިވެ ނީންނަ އަންހެނުންނެވެ.

ލޭ އެޅި މީހުންގެ ތެރެއިން 3،969 މީހުން (13 ޕަސެންޓް) ވަނީ ލޭ އެޅުމަށްފަހު މަރުވެފަ އެވެ.

މި މީހުންގެ ތެރެއިން ކޮންމެ އަހަރަކު މަރުވި މީހުންގެ ނިސްބަތަށް ބަލާއިރު 101 މީހުން މަރުވީ ކުރިން ބަލިވެ އިނދެފައިވާ އަންހެނެއްގެ ގައިން ލޭ އެޅުމުގެ ސަބަބުންނެވެ. ފިރިހެނުންގެ ގައިން ލޭ އެޅި މީހުންގެ ތެރެއިން މަރުވީ 80 މީހުންނެވެ. އަދި ދުވަހަކުވެސް ބަލިވެ ނީންނަ އަންހެނުންގެ ގައިން ނެގި ލޭ އެޅި މީހުންގެ ތެރެއިން މަރުވެފައިވަނީ 78 މީހުންނެވެ.

ސައިންސްވެރިން ބުނަނީ މިކަމާ ގުޅޭ ގޮތުން އިތުރު ހޯދުންތައް ހޯދައި މިކަން މެދުވެރިވާ ހަގީގީ ސަބަބުތައް މިހާރަށް ވުރެ ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ.