ނޯތު ކޮރެއާގެ ކޮންމެ ބިރަކަށް އެމެރިކާ ވަނީ ފުރިހަމަ އަށް ތައްޔާރުވެފައި: ޓްރަމްޕް
ނޯތު ކޮރެއާގެ ކޮންމެ ބިރަކަށް އެމެރިކާ ވަނީ ފުރިހަމަ އަށް ތައްޔާރުވެފައި: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 23) - ނޯތު ކޮރެއާގެ ކޮންމެ ބިރަކަށް ރައްދު ދޭން އެމެރިކާ ވަނީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ހީވެސް ނުކުރާހާ ރަނގަޅަށް އެމެރިކާ ވަނީ ތައްޔާރުވެފައި،" ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.

ނޯތު ކޮރެއާ އަށް ދުނިޔޭގެ ނުރުހުން އަމާޒުވީ އެ ގައުމުން ހަ ވަނަ ނިއުކްލިއާ ޓެސްޓް ކުރުމާ ގުޅިގެންނެވެ. އަދި ނޯތު ކޮރެއާ އިން ޓެސްޓް ކުރި ދިގު ރާސްތާ މިސައިލަކީ އެމެރިކާ އަށް ފޯރާވަރުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

ނޯތު ކޮރެއާގެ އެކުވެރި ގައުމެއް ކަމަށްވާ ޗައިނާއާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ޕިއޮންޔޮންގާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގައި ބެއިޖިން އިން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ވަނީ ޓްރަމްޕުގެ ފަރާތުން ނޯތު ކޮރެއާ އަށް ވަޑައިގެން މައްސަލަ ހައްލު ކުރުމުގައި އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ކާޓާގެ ހުށަހެޅުއްވުން އެމެރިކާ ސަރުކާރުން ގަބޫލްކޮށްފައެއް ނުވެ އެވެ.

އެމެރިކާގައި 1977-1981 އަށް ވެރިކަން ކުރެއްވި ކާޓާ ވަނީ 1990 ގެ އަހަރުތަކުގައި ނޯތު ކޮރެއާ އަށް ވަޑައިގެންފަ އެވެ.