"ބިގް ބޮސް" ދޫކޮށްލާނެ ކަމަށް ސަލްމާން އަނެއްކާވެސް ބުނެފި
"ބިގް ބޮސް" ދޫކޮށްލާނެ ކަމަށް ސަލްމާން އަނެއްކާވެސް ބުނެފި

ބިގް ބޮސް ހުށަހަޅައިދޭ ސަލްމާން ޚާން ހަމަ ކޮންމެ ސީޒަނެއްގައިހެން ރުޅިގަދަވެ އެ ޝޯގެ ހޯސްޓްކަން ދެން ނުކުރާނެ ކަަމަށް ބުނެ އިންޒާރު ދެ އެވެ. "ބިގް ބޮސް 8" އާއި "ބިގް ބޮސް 9" ގައި ވެސް އޭނާ މިގޮތަށް ބިރުދެއްކި އެވެ. ނަމަވެސް ޝޯއިން ވަކިވާން ސަލްމާނަށް އުނދަގޫވަނީ އާ ސީޒަނެއް ފަށާ ކޮންމެ ފަހަރަކު އޭގެ ކުރީ ސީޒަނަށް ވުރެ ލިބޭ ފައިސާގެ އަދަދު މާ ބޮޑަށް ވެސް އިތުރުވާތީ އެވެ.

މިފަހަރު ސަލްމާން ދިން އިންޒާރަކީ ވެސް މިފަދަ އިންޒާރެއް ކަމަށް ގިނަ ބަޔަކަށް ހީވަނީ ކޮންމެ ފަހަރަކު އެހެން ބުނެފައި އޭނާ އެނބުރި އަންނާތީ އެވެ. ސަލްމާން މިފަހަރު ރުޅިގަދަވި އެއް ސަބަބަކީ މިދިޔަ ހަފުތާގައި "ބިގް ބޮސް"ގެ ގެއަށް އަލަށް ވަން ބައިވެރިޔާ ދިންޗަކް ޕޫޖާ ތައާރަފްކޮށްދޭން ޖެހުމުންނެވެ.

ދިންޗަކް ޕޫޖާ އަކީ ވަރަށް ހުތުރުކޮށް ލަވަކިޔާފައި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްގެން މަޝްހޫރުވެފައިވާ މީހެކެވެ. އެހެންވެ އެ ފެންވަރުގެ މީހަކު "ބިގް ބޮސް" ގެއަށް ވައްދަން ޖެހުމުން ސަލްމާން ވަނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ޝޯ އަށް ޕޫޖާ ތައާރަފްކުރުމުގެ ކުރިން ސަލްމާން ވަނީ ޔޫޓިއުބުން ޕޫޖާގެ "ބޯ ހަލާކުވާ ޒާތުގެ" ލަވަތައް ބަލައިފަ އެވެ. އެހެންވެ ޕޫޖާ އަށް ޝޯގައި ބައިވެރިވުމުގެ ދައުވަތު ދެމުން މިއީ އޭނާގެ ފަހު ސީޒަން ކަމަށް ސަލްމާނަށް ބުނީ އެވެ. ނަމަވެސް ޝޯ ދޫކޮށްލާ ވާހަކަ ސަލްމާން ދެއްކީ މަޖަލަކަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ދިންޗަކް ޕޫޖާ "ބިގް ބޮސް" ގެއަށް ވަނުމުން އެ ގޭގައި މިހާރު ވެސް ތިބި ޓީވީ ތަރިން ކަމަށްވާ ހީނާ ޚާން އާއި ޝިލްޕާ ޝިންޑޭ އަށް ވެސް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. އެއާއެކު ޕޫޖާއާ ދިމާކޮށް ބުލީކުރަން ވެސް ހީނާ އާއި ޝިލްޕާ މަސައްކަތް ކުރި ތަން ފެނުނެވެ.

ޕޫޖާގެ ބޮލުގައި އުކުނު އެބަހުއްޓޭ ކިޔާފައި އޭނާއަށް މަލާމާތްކޮށް ހީނާ ލަވަ ވެސް ކިޔާފައިވެ އެވެ.