24 އޮކްޓޯބަރ 2017 - 06:15

މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑު ފިލްމަކީ ޝާހްރުކްގެ "ޜާ.ވަން" އެވެ. އޭނާ ބުނީ މި ފިލްމު އުފެއްދީ ގެއްލުން ވާނެކަން އެނގި ހުރެ ކަމަށެވެ.
ފާއިތުވީ ދެ އަހަރު ޝާހްރުކް ކުޅެފައިވަނީ ކުރިން ނުކުޅޭ ޒާތުގެ ރޯލު ތަކެކެވެ. އެއީ "ފޭން" ގައި އޭނާ ކުޅުނު ޑަބަލް ރޯލް ކަމަށް ވިޔަސް އަދި "ޑިއާ ޒިންދަގީ"ގައި ކުޅުނު ރޯލު ކަމަށް ވިޔަސް ވަރަށް ބޮޑު ތަފާތެއް އޭނާ ކުޅޭ ފިލްމުތަކުން މިހާރު ފާހަގަކުރެވެ އެވެ.
ޝާހްރުކް ބުނި ގޮތުގައި އޭނާއާ އެއް ހަމައެއްގައި ވާދަކުރާ އެކްޓަރުން ކުރާ މަސައްކަތްތައް ފެނިފައި އޭނާ އުފާވެ އެވެ. ނަމަވެސް އެމީހުން ކުޅޭ ފިލްމުތައް ކަހަލަ ފިލްމުތައް ކުޅުމުގެ ބަދަލުގައި އޭނާ ކުޅެން ބޭނުންވަނީ އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަހަލަ ފިލްމުތައް ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތަކީ މީހަކު ކަމެއް ކޮށްފި ނަމަ ހަމަ އެފަދަ ކަމެއް އަހަރެން ކޮންމެހެން ކުރަން ޖެހޭނެހޭ. އެ ނޫން ތަފާތު ކަމެއް އަހަރެން ކުރަން ބޭނުންވާނީ. ވަރަށް ގިނަ މީހުން އަހަރެން ދަނޭ. އަދި އަހަރެންގެ ފޭނުން ވެސް ވަރަށް ގިނަ. އަހަންނާ ބެހޭ ގޮތުން އެމީހުން ދައްކާނެ ވަރަށް ރަނގަޅު އަދި ގޯސް ވާހަކަތައް ވެސް ހުންނާނެކަން ގަބޫލު ކުރެވޭ،" ޝާހްރުކް ބުންޏެވެ.
އޭނާ ބުނިގޮތުގައި ފިލްމީ މަސައްކަތުގައި އުޅޭ މީހަކު ބަލަންވާ ވަރާ ގާތަށް ވެސް އޭނާއަކަށް ފިލްމެއް ނުބެލެ އެވެ.
"އަހަރެން ފިލްމު ބަލައެއް ނޫޅެން. އެހެންވެ އާއިލާގެ މީހުން މިހާރު ވަނީ ޝަރުތުތަކެއް ކުރިމަތިކޮށްފައި. އެ މީހުން ބުނަނީ މަދުވެގެން ދެ ހިންދީ ފިލްމު އަހަރެން މަހަކު ބަލަން ޖެހޭނޭ،" ޝާހްރުކް ބުންޏެވެ.
ޝާހްރުކް މިހާރު ސޮއިކޮށް ކުޅެމުން އަންނަނީ އެންމެ ފިލްމެކެވެ. އެއީ އާނަންދް އެލް ރާއޯ ޑައިރެކްޓްކުރާ ފިލްމެކެވެ. އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް ބަތަލާގެ ބައި ކުޅޭ މި ފިލްމުގައި ޝާހްރުކް ކުޅެނީ ޑުވޯފެއްގެ ރޯލު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.