23 އޮކްޓޯބަރ 2017 - 10:45

މެޑްރިޑް (އޮކްޓޯބަރު 23) - ކެޓަލޯނިއާގެ މައްޗަށް ބާރު ފޯރުވައިގެން ބަޣާވާތެއް ކުރަން ނޫޅޭ ކަމަށް ސްޕޭނުގެ ޚާރިޖީ ވަޒީރު އަލްފޮންސޯ ޑަސްޓިސް ވިދާޅުވެއްޖެ އެވެ.
ސްޕޭން ސަރުކާރުން އަޅަން އުޅޭ ފިޔަވަޅުތައް ކެޓަލޯނިއާގެ ޕާލަމެންޓުގެ ރައީސް ކަރްމާ ފޯކަޑެލް ސިފަ ކުރައްވާފައި ވަނީ ބަޣާވާތެއްގެ ގޮތުގަ އެވެ. އެކަމަކު ސްޕޭނުގެ ޚާރިޖީ ވަޒީރު ދަސްޓިސް ވިދާޅުވީ ބަޣާވާތެއް ބަޔަކު ކުރަން އުޅޭ ނަމަ އެ ބަޔަކީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު ކަމަށެވެ. އަދި ސްޕޭން ސަރުކާރުން އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެޓަލޯނިއާގެ ބާރުތައް ނަގަން ސްޕޭނުގެ މައި ސަރުކާރުން މަސައްކަތް ކުރީ ކެޓަލޯނިއާގެ ލީޑަރުން މިނިވަންކަން އިއުލާން ކުރަން މަސައްކަތް ފެށުމުންނެވެ.
ސްޕޭނުގެ ކެބިނެޓް ބައްދަލުވުމަކަށް ފަހު ބޮޑު ވަޒީރު މާރިއާނޯ ރާޔޯ ވަނީ ކެޓަލޯނިއާގެ ޕާލަމެންޓް އުވާލާ އާ އިންތިޚާބެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ.
ކެޓަލޯނިއާގެ މީހުން ގަބޫލް ކުރަނީ އެއީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގަ އެވެ. އެކަމަކު ސްޕޭނުން އެކަން ގަބޫލެއް ނުކުރެ އެވެ.
ސްޕޭނަށް އެންމެ ފަހުން ބަޣާވާތެއް ގެނައީ ފެބްރުއަރީ 23، 1981 ވަނަ އަހަރު އެވެ. އެ ފަހަރު ސިފައިންނާއި ފުލުހުން ވަނީ ޕާލަމެންޓް ހިފައިފަ އެވެ.
މިނިވަން ކަމަށް އެދި ގޮވާލާ ކެޓަލޯނިއާގެ ފަސް ލައްކައެއްހާ މީހުން ހޮނިހިރު ދުވަހު ވަނީ ބާސެލޯނާގެ މަގުތަކަށް ނުކުމެފަ އެވެ.