23 އޮކްޓޯބަރ 2017 - 09:42

ލަންޑަން (އޮކްޓޯބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ރަށުން ބޭރުގައި 5-2 އިން އެވަޓަން ބަލިކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ލިވަޕޫލްގެ މައްޗަށް 4-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ ތިން ވަަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ނުވަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އާސެނަލް ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީއާ އެއްވަރަށް 16 ޕޮއިންޓް ހޯދައިގެންނެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާގެ 68 ވަނަ އުފަން ދުވަހު ކުޅުނު މި މެޗުގައި ލީޑުނެގީ އެވަޓަން އިންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި އެވަޓަންގެ ލަނޑު ޖަހައިިދިނީ ވޭން ރޫނީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން އެއްވަރުކުރީ ނަޗޯ މޮންރެއާލް ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފް ފަށައިގެން އަށް މިނިޓް ތެރޭ އަލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން އާސެނަލަށް ލީޑުނަގައިދިނީ މެސުޓް އޮޒިލް އެވެ. އެވަޓަން އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 68 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު އިދްރީސާ ގޭޔީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
އެވަޓަންގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަަގައި މެޗުގެ 73 ވަނަ މިނިޓްގައި އާސެނަލްގެ ލީޑުފުޅާކޮށްދިނީ އަލެކްސަންޑަ ލަކަޒެޓޭ އެވެ. އާސެނަލްގެ އަނެއް ދެ ގޯލު ޖެހީ އާރޮން ރަމްސޭ އަދި ސަންޗޭޒް އެވެ. އެވަޓަންގެ ދެ ވަަނަ ލަނޑު ޖެހީ އޮމާ ނިއާސޭ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 12 މިނިޓް ތެރޭ ލިވަޕޫލްގެ ފަހަތުން ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި ޓޮޓެންހަމުން ދެ ލަނޑު ޖެހި އެވެ. މި ދެ ލަނޑު ކާމިޔާބުކުރީ ހެރީ ކޭން އާއި ސޮން އެވެ. ލިވަޕޫލަށް މެޗުގެ 24 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ލަނޑެއް ޖަހައިދިން ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޑެލޭ އަލީ ވަނީ ޓޮޓެންހަމަށް ތިން ވަަނަ ލަނޑެއް ޖަހައިދީފަ އެވެ.
ދެ ވަނަ ހާފުގައި ކޭން ވަނީ އޭނާގެ ދެ ވަނަަ ލަނޑާ އެކު ޓޮޓެންހަމަށް ހަތަރެއް ހަމަކޮށްދީފަ އެވެ. ލިވަޕޫލަށް ލަނޑު ޖަހައިދޭން ސަލާހާއި ފިލިއްޕޭ ކުޓީނިއޯ ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ފްރާންސްގެ ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެ ޓީމުގެ ފަހަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްގެން ނުނީ ކުރިއަށް ވިސްނޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.