23 އޮކްޓޯބަރ 2017 - 08:47

މެޑްރިޑް (އޮކްޓޯބަރު 23) – އެއިބާ އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާ އެކު ސްޕެނިޝް ލީގުގެ ތިން ވަނަ މަގާމަށް ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ އަރައިފި އެވެ.
އެއް ވަނައިގައި 25 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ދެ ވަނައިގައި 21 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު ރެއާލް މެޑްރިޑް ތިން ވަނަ އަށް އެރީ 20 ޕޮއިންޓް ހަމަކޮށްގެންނެވެ. ވާދަވެރި އެތުލެޓިކޯ މެޑްރިޑް މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ލިބުނީ އެއިބާގެ ޕައޮލޯ އޮލިވެއިރާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުއްމީދީ ފޯވާޑް މާކޯ އަސެންސިއޯ އެވެ. އަދި ފަހު ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ފުލްބެކް މާސެލޯ އެވެ.
މި މެޗުގައި އެއިބާގެ ފަރާތުން މެޑްރިޑަށް މާބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ. އަދި އިތުރު ގޯލް ޖަހަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިސްކޯ އަށް ފުރުސަތުތައް ވެސް ލިބުނެވެ.