23 އޮކްޓޯބަރ 2017 - 06:05

މި އަހަރު ނިމުމަކަށް އަންނަނީ އެވެ. ސްމާޓްފޯން ކުންފުނިތަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ހުރިހާ އެންމެން ވެސް ބަލާފައި ވަނީ އެއް މީޒާނަކަށް ދެވޭތޯ އެވެ. ސްމާޓްފޯން ކުންފުނިތަކުގެ އަމާޒަކަށް މި އަހަރު ވެފައި ވަނީ ފޯނުތަކުން ދާރަ ދުއްވާލުމެވެ. އެއްގޮތަކަށް ވެސް ދާރަ ނެތް ފޯނެއް އުފެއްދޭތޯ އެވެ.
އަންނަ އަހަރަށް ޓަކައި ކުންފުނިތަކުން ތަސައްވުރުކުރަން ވަނީ ފަށައިފަ އެވެ. ސިނާއަތުގައި ހުރި އަޑުތަކަށް ބަލާއިރު، ކުންފުނިތަކުން މިސްރާބުޖަހާނީ ފޯނުތައް ފަތްޖެހުމަށެވެ. "ޒެޑްޓީއީ އެކްޒަން އެމް" އިން ހިތްވަރު ހޯދައިގެން ނަމަވެސް، 2018 ނިމުމުގެ ކުރިން ފޯނެއް ފަތްޖަހާލުމަކީ ހަމަ ކޮންމެ ކުންފުންޏަކުން ވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ވާވޭއިން ވެސް އެކަން އިއުލާންކޮށްފި އެވެ.
ވާވޭ ކުންފުނިތެރޭގައި ވާނުވާ އެނގޭ މީހަކު ބުނިގޮތުގައި، އަންނަ އަހަރު ނިމެންވާއިރަށް، ފަތްޖަހާލެވޭ ފޯނެއް ވާވޭއިން ތައާރަފުކުރާނެ އެވެ. އިންޖިނެރުން އެ މަސައްކަތުގައި އަވަދިނެތި އެބަ އުޅެ އެވެ. ސްމާޓްފޯންތައް ފަށްޖެހުމަށްޓަކައި ބޭނުންވާ އިންޖިނޭރިން ފެންވަރު ވާވޭ އަށް ލިބިފައި ވެ އެވެ.
ސްމާޓްފޯނު ސިނާއަތު ދެން އެނބުރޭނީ ފަތްޖެހޭ ފޯނުތަކާ ދިމާއަށެވެ. ސެމްސަންގުން ވެސް އުޅެނީ އެ މަސައްކަތުގަ އެވެ. ސެމްސަންގުން ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް، ފަތްޖަހާލެވޭ ފޯނެއް ޓެސްޓްކުރުމުގައި އިންޖިނޭރުން އުޅޭ ކަމަށް ބެލެވެ އެވެ. އެ ކުންފުނީގެ އޮފިޝަލުން ސްޓޭޖްތަކުގައި ދައްކާ ވާހަކައިން އެ ކަހަލަ ހީއެއް ވެ އެވެ.
އައިފޯން 10 އުފެއްދުމަށްޓަކައި އެޕަލްއިން ފަސް އަހަރު ހޭދަކުރި ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެން ކަމަށް ވާ ނަމަ، އައިފޯނުތައް ފަަތްޖެހުމަށްޓަކައި އެޕަލް މިހާރު އޮންނާނީ ތައްޔާރަށެވެ. އެކަމަކު އެ އަށް ވުރެ ކުރިން ވާވޭ، ސެމްސަންގް އަދި ޗައިނާ ކުންފުނިތަކުން ފޯނުތައް ފަތްޖަހައި، ސްކްރީންތައް އޮޅައިލާނެ އެވެ.