ޓްރަމްޕުގެ ފަރާތުން ނޯތު ކޮރެއާ އަށް ދާން ކާޓާ ހުންނެވީ ތައްޔާރަށް
ޓްރަމްޕުގެ ފަރާތުން ނޯތު ކޮރެއާ އަށް ދާން ކާޓާ ހުންނެވީ ތައްޔާރަށް

ވޮޝިންޓަން (އޮކްޓޯބަރު 22) - ނޯތު ކޮރެއާއާ އެކު އުފިދައިވާ މައްސަލަ ހައްލު ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އެ ގައުމަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ވިދާޅުވެއްޖެ އެވެ.

ޖޯޖިއާގައި ހުންނަ އަމިއްލަ ގެކޮޅުގައި ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އުމުރުން 93 އަހަރުގެ ކާޓާ ވިދާޅުވީ ޓްރަމްޕުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗް.އާރު މެކްމާސްޓާއާ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އުއްމީދީ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުވާނީ ދަންނަވާފައި ބޭނުންވެއްޖެ ނަމަ މައްސަލަ ހައްލު ކުރުމުގައި އެހީތެރިކަން ލިބޭނެ ކަމަށް،" އެމެރިކާގައި 1977- 1981 އަށް ވެރިކަން ކުރެއްވި ކާޓާ ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސްކަން ކުރެއްވި ކާޓާ ވިދާޅުވީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަކީ ގޮތް ނޭނގޭ ބޭފުޅެއް ކަމަށާއި ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ކޮރެއާ ޕެނިންސުލާ އާއި ޖަޕާން ހަލާކުކޮށްލެވޭ ވަރުގެ ނިއުކްލިއާ ހަތިޔާރު ކިމްގެ އަތްޕުޅުގައި ހުންނާނެ ކަމަށް،" ކާޓާ ވިދާޅުވި އެވެ.

ކާޓާ ވަނީ 1990 ގެ މެދު ތެރޭގައި ނޯތު ކޮރެއާ އަށް ވަޑައިގެން މިހާރުގެ ލީޑަރު ކިމްގެ ކާފާފުޅު ކިމް 11 ސުންގާ އެކު އެއްބަސްވުމެއް ގާއިމް ކުރައްވައިފަ އެވެ.