މުގާބޭ އަށް އެމްބަސެޑަރުކަން ދިނުން ދެ ވަނަ ވިސްނުމަކަށް
މުގާބޭ އަށް އެމްބަސެޑަރުކަން ދިނުން ދެ ވަނަ ވިސްނުމަކަށް

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 22) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބަސެޑަރަކަށް ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ހަމަޖައްސަން ނިންމި ނިންމުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާނެ ކަމަށް ޑަބްލިއުއެޗްއޯގެ އާ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބަސެޑަރަކަށް މުގާބޭ ހަމަޖެއްސުމުން ބައެއް ޖަމާއަތްތަކާއި އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ޒިމްބާބުވޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި މުގާބޭގެ ޚުދުމުޚްތާރު ކަމަށް ބަލާ އިރު އެފަދަ މަގާމެއް ޑަބްލިއުއެޗްއޯ އިން އޭނާ އަށް ދިނުމަކީ ލަތުވެތި ކަމެއް ކަމަށެވެ. އަދި އެއީ ޑަބްލިއުއެޗްއޯގެ މަސައްކަތަށް ހިޔަނި އެޅޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ޓެޑްރޯސް ވަނީ މުގާބޭ ދިފާއު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އަދި ޒިމްބާބުވޭގެ އާއްމު ސިއްހީ ނިޒާމަށް އޭނާ ވަނީ ތައުރީފް ކުރައްވައިފަ އެވެ.

ޒިމްބާބުވޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތެއް ކަމަށްވާ ޑައުގް ކޮލްޓާޓް ވަނީ ގައުމެއްގެ ސިއްހީ ނިޒާމު ހަލާކުކޮށްލި މީހަކަށް ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބަސެޑަރުކަން ދިނުމާ މެދު ސުވާލު އުފައްދައިފަ އެވެ.

އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ކަންބޮޑުވުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އުމުރުން 93 އަހަރުގެ މުގާބޭ އަށް އެގްޒެކެޓިވް ރޯލެއް ނެތް ނަމަވެސް ގައިން ގަޔަށް ނާރާ ބަލިތަކުގެ އެމްބަސެޑަރަކަށް އޭނާ ހަމަޖެއްސުމަކީ ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔޭގައި ކުރާ މަސައްކަތަށް ނުރަނގަޅު ތަސައްވަރެއް ލިބޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ މުގާބޭ އަށް މަގާމު ދިނުމުން އޭނާ ހީކުރެއްވީ އެއީ އެޕްރީލް ފޫލުގެ ޖޯކެއް ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ މުގާބޭ އަށް މަގާމެއް ދިނުމަކީ އދ.ގެ ޚިޔާލުތަކާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ މިންވަރަށް ބަލާއިރު، ގުޅުމެއް ނެތް ކަމެއް ކަމަށެވެ.

ފާޑުކިޔުންތަކާ އެކު އިތިއޯޕިއާ އަށް އުފަން ޓެޑްރޯސް ވިދާޅުވީ ޑަބްލިއުއެޗްއޯގެ އުސޫލުތަކަށް ބަލާ މުގާބޭ އަށް މަގާމު ދިނުމާ މެދު އަލުން ވިސްނަވާނެ ކަމަށެވެ. ޓެޑްރޯސް އަކީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ކަމަށް އިސްކުރި އެފްރިކާގެ ފުރަތަމަ ބޭފުޅާ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗު (އެޗްއާރުޑަބްލިއު) އިން ބުނީ ޒިމްބާބުވޭގެ އިގްތިސާދު ހީނަރުވެ ސިއްހީ ނިޒާމް ފޭލްވެފައިވާ އިރު މުގާބޭ އަށް އެމްބަސެޑަރުކަން ދިނުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ޑަބްލިއުއެޗްއޯ ނިންމުމަށް ޒިމްބާބުވޭގެ އެންމެ ބޮޑ އިދިކޮޅު ޕާޓީ އެމްޑީސީ އިން ވެސް ވަނީ ފާޑު ކިޔައިފަ އެވެ. ޑަބްލިއުއެޗްއޯގެ ނިންމުމަށް ފާޑުކީ އެހެން ޖަމާއަތްތަކުގެ ތެރޭގައި ވެލްކަމް ޓްރަސްޓް، އެންސީޑީ އެލަޔަންސް، ޔޫއެން ވޮޗް، ވޯލްޑް ހާޓް ފައުންޑޭޝަން އަދި އެކްޝަން އެގެއިންސްޓް ސްމޯކިން ހިމެނެ އެވެ.