ރޯވި ތެޔޮ ބޯޓު އޮޔާ ދަނިކޮށް ހިފަހައްޓައިފި
ރޯވި ތެޔޮ ބޯޓު އޮޔާ ދަނިކޮށް ހިފަހައްޓައިފި

ބ. ކެންދޫ ފަޅު ތެރޭގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފެތިފައިވާ ތެޔޮ ބޯޓު ދެފެން ދޭތެރޭން އޮޔާ ދަނިކޮށް، ފަރަކަށް އެރިޔަ ނުދީ ހިފަހައްޓައިފި އެވެ.

ރޯވި ތެޔޮ ބޯޓު އޮޔާ ދަނިކޮށް ހިފަހައްޓައިފި
ރޯވި ތެޔޮ ބޯޓު އޮޔާ ދަނިކޮށް ހިފަހައްޓައިފި

ރޯވުމާ އެކު ކެންދޫ މީހުން ވަނީ އެ ބޯޓުގައި ވާ ޖަހައި ރަށުގެ ފަޅުން ބޭރުކޮށްފަ އެވެ. އަދި އެ ހާދިސާގައި ބޯޓުގެ ކޮޅުފަސްކޮޅު އަޑިއަށް ގޮސް ބޯޓު ކޮޅަށް ޖެހިފައި ހުރި އިރު، އޮޔާ ހިނގައިދާނެތީ އޮތީ ބޮއެފަރު ގިރި އަށް ނަގިލި ލައި އަޅައިފަ އެވެ.

ބޯޓު އެ ތާނގައި އަޅާފައި އޮތް އިރު ބޯޓުން ގިނަ އަދަދެއްގެ ތެޔޮ ވަނީ ކަނޑަށް ލީކްވެފަ އެވެ. ނަމަވެސް މިއަދު ހެނދުނު ބޯޓުގެ ވާ ކަނޑައިގެން ގޮސް ބޯޓު އޮޔާ ދާން ފެށުމުން، ބޯޓުގެ ވެރިފަރާތުން ވަނީ ބޯޓު ފަރަކަށް އެރިޔަނުދީ ހިފެހެއްޓުމުގެ މަސައްކަތް ފަށައިފަ އެވެ.

އެބޯޓު ހިފެހެއްޓުމުގައި އިސްކޮށް އުޅޭ މޫސާ މައުރޫފް ބުނީ ބޮއެފަރާ 15 މޭލު ދުރަށް، އެ ބޯޓް މިހާރު އޮޔާ ގޮސް ބޯޓް އޮތީ ލަނޑާގިރާވަރު ރިސޯޓާއި ކުޑަރިކިލާ ދެމެދުގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާރު ބޯޓް އޮތީ ވާ ޖަހައި އެ ސަރަހައްދުގައި އަޅާފައި ކަމަށާއި މަސައްކަތް ކުރަނީ ކަފުޖަހައިގެން ކުޑަރިކިލަށް ގެންދަށް ކަމަށެވެ.

"(ބޯޓު ފެންމަތީ ހިފެހެއްޓުމަށްޓަކައި ބޯޓުގައި ބަނދެފައިވާ ބޮޑެތި ހަންތަކަށް) ވައިޖަހަނީ މިހާރު. ކުޑަރިކިލާ ދޭތެރޭ ހުރީ ދެ މޭލު. މިއަދު ކުޑަރިކިލު ބޭރަށް ގެންދެވޭނެ،" މައުރޫފް ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ތެޔޮ ހިފައިގެން ކެންދު އަށް ދިޔަ "ގަލްފް" ނަމަކަށް ކިޔާ އެ ބޯޓު ފެތުނީ 31،000 ލީޓަރުގެ ތެލާ އެކު އެވެ. މި ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ބޯޓުގައި މަސައްކަތް ކުރާ ބަނގްދަލޭޝްގެ ފަޅުވެރިޔަކު ވަރަށް ބޮޑަށް ފިހުނެވެ.