23 އޮކްޓޯބަރ 2017 - 06:03

އާލިއާ ބަޓް އާއި ސިދާރްތު މަލްހޯތުރާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައި އޮތަސް އެ މީހުން އެކަމަށް އެއްބަހެއް ނުވެ އެވެ. އެކަމަކު މިހާރު އިވެނީ މި ދެ މީހުންގެ މެދުގައި މައްސަލަ ޖެހިގެން އުޅެނިކޮށް ކަރަން ޖޯހަރް އެ ދެ މީހުން ސުލްހަކުރުވި ވާހަކަ އެވެ.
އާލިއާ އާއި ސިދާރްތު މައްސަލަ ޖެހުނު ސަބަބަކަށް ވީ ސިދާރްތު އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ ޖެންޓްލްމޭން"ގެ ބަތަލާ ޖެކްލީން ފެނާންޑިސް އާ މާ ގާތްވެގެން އުޅުމެވެ. މި ދެ މީހުން ސުލްހަކުރުވި ކަރަން އަކީ އެ ދެ ތަރިންނަށް ފިލްމު ކުޅުމުގެ ފުރުސަތު ފުރަަތަމަ ހޯދައިދީ ބޮލީވުޑްގައި ރަނގަޅު މަގާމެއް ހޯދާދިނުމުގެ މޭސްތިރި އެވެ.
ކަރަންގެ ގާތް މީހަކު ބުނި ގޮތުގައި އާލިއާ އާއި ސިދާރްތު މައްސަލަ ޖެހިގެން އުޅޭކަން އެނގުމުން ކަރަން އެ ދެ މީހުންނަށް ގުޅައި ބައްދަލުކުރުވައިގެން ސުލްހަކުރުވީ އެވެ.
ނަމަވެސް ސިދާރްތު އާ އަލުން އެކުވެރިކަން ގާއިމުކުރުމުގައި އާލިއާ ވަނީ ޝަރުތެއް ކޮށްފައި ކަމަށްވެ އެވެ. އެއީ ޖެކްލީންއާ ދުރުގައި އުޅުމެވެ.
މި ދެ މީހުން ސުލްހަވެރި ވުމަށްފަހު ޖެކްލީން އާއި އާލިއާގެ އެއްވެސް މައްސަލައެއް ނުޖެހޭކަން ދެއްކުމުގެ ގޮތުން ޖެކްލީން އާއި އާލިއާ އެކުގައި ނަގާފައިވާ ވަރަށް ވަރުގަދަ ފޮޓޯއެއް ސިދާރްތު ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.