23 އޮކްޓޯބަރ 2017 - 06:02

ވަރުން ދަވަން އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ބިޒީ އެއް އެކްޓަރު ނަމަވެސް ރިއަލިޓީ ޓީވީ ޝޯއެއްގައި ބައިވެރިވުމަކީ ވެސް ވަރުން ވަރަށް ބޭނުންވާ ކަމެކެވެ. އެއީ ޝޯއެއްގެ ހޯސްޓެއްގެ ގޮތުގައި ނަމަވެސް ރިއަލިޓީ ޝޯއެއްގެ ފަނޑިޔާރެއްގެ ގޮތުގައި ވިޔަސް ވަރުންގެ މައްސަލައެއް ނެތެވެ.
ފިލްމު އިންޑަސްޓްރީގެ މީހުން ބުނަނީ ވަރުން ރިއަލިޓީ ޝޯތަކުގައި ބައިވެރިވާހިތް ވަނީ އޭނާ އެންމެ ބޮޑަށް ސަޕޯޓްކުރާ ސަލްމާން ޚާން ވެސް އެފަދަ ޝޯތައް ހުށަހަޅައިދޭތީ ކަމަށެވެ. ވަރުން އަކީ ސަލްމާނާއި ގޯވިންދާގެ ކޮމްބިނޭޝަނެއް ކަމަށް ވަރަށް ގިނަ މީހުން ކިޔައި އުޅެ އެވެ.
ވަރުން އަކީ ވަރަށް މަޖާ މިޒާޖެއްގެ މީހަކަށް ވެފައި ހިތް ހެޔޮކަމާއެކު މީހުންނާ ވާހަކަ ދައްކާލަން އޭނާއަށް ފަސޭހަކަމުން ރިއަލިޓީ ޝޯތަކަށް އޭނާ އަކީ ހަމަ ވަރަށް ރަނގަޅު ހޮވުމެއް އެއް ކަމަށް ޓްރޭޑް އެކްސްޕާޓުން ވެސް އެއްބަސްވެ އެވެ. ޚާއްސަކޮށް ވަރުން އަކީ ވަރަށް ނަސީބުގަދަ އެކްޓަރެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކުރެވިފަ އެވެ. ސަބަބަކީ އޭނާ މިހާތަނަށް ކުޅުނު ނުވަ ފިލްމާއި އިޝްތިހާރުތައް އަދި އެނޫންވެސް ގޮތް ގޮތުން އޭނާ ބައިވެރިވި ކޮންމެ ޕްރޮޖެކްޓަކަށް ވެސް ބޮޑު ކާމިޔާބެއް ލިބިފައި ވާތީ އެވެ.
ވަރުންގެ އެންމެ ފަހުގެ ފިލްމު "ޖުޅްވާ 2" މިހާރު ބްލޮކްބަސްޓާ ވެފައި ވުމާ އެކު ވަރުން ވަނީ އޭނާ ފިލްމު ކުޅެދޭ އަގު ވެސް ބޮޑުކޮށްފަ އެވެ. ފިލްމު އިންޑަސްޓްރީގެ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ވަރުން މިހާރު ފިލްމެއް ކުޅެދެނީ 25 ކްރޯޑު (2.5 ބިލިއަން ރުޕީސް) އަށެވެ.
ވަރުން ބައިވެރިވާން ބޭނުންވަނީ ކޮން ކަހަލަ ރިއަލިޓީ ޝޯއެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.