22 އޮކްޓޯބަރ 2017 - 12:20

ގއ. ވިލިނގިލީގައި ގެނބުނު ދެމަފިރިން ސަލާމަތްކުރަން ދަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސްމީހާ އިތުރު ފަރުވާއަށް އިންޑިޔާ އަށް އިއްޔެ ފޮނުވާލައިފި އެވެ.
މިިދިޔަ ބުދަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ލާންސްކޯޕްރަލް އަހުމަދު ނަދީމަށެވެ.
އެކްސިޑެންޓު ހިނގި ދުވަހުގެ ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ވެސް އޭނާ އަށް ފަރުވާ ދިނެވެ.
ފ. ނިލަންދު އަށް އުފަން ނަދީމްގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގަައި އޭނާ އިންޑިޔާ އަށް ފޮނުވާލާފައިވާއިރު، ބޭސްފަރުވާގެ ހުރިހާ ކަމެއް ވެސް ހަމަޖައްސާފައި ވަނީ އާސަންދަ އަދި ސަރުކާރުންނެވެ. އެކަމަށް އާއިލާ އިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.
އާއިލާ އިން ނަދީމްގެ މޫނުގެ ކަށިތަކަށް ލިބުނު ގެއްލުން ފިޔަވައި ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ. އެކަމަކު އެ އަނިޔާތަކަށް އެކަށީގެންވާ ފަރުވާ އައިޖީއެމްއެޗުން ދެވެން ނެތުމުން، ޑޮކްޓަރުން ވަނީ ރާއްޖޭން ބޭރަށް ގެންދިުމަށް އެދިފަ އެވެ.
"ނަދީމްގެ މޫނަށް ބޮޑު ގެއްލުމެއް ލިބިފައި ހުރީ. އިތުރު ސީރިއަސް ކަމެއް ނެތް. ދެން ހުރީ ކުދިކުދި އަނިޔާތަކެއް ލިބިފައި،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މި އެކްސިޑެންޓު ހިނގީ ވިލިނގިލީގެ ތުނޑީކޮޅާ ދިމާލަށް ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އަނެއް ސައިކަލުގައި އިން ފިރިހެންމީހާ އަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.
ގެނބުނު ހާދިސާގައި، ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައި ޕޮލިސް ކޮންސްޓްބްލް މުހައްމަދު ހަނީފު ވަނީ މަރުވެފަ އެވެ.
.