"ސީކްރެޓް ސުޕަސްޓާ"ގެ ވިޔަފާރި ރަނގަޅުވާން ފަށައިފި
"ސީކްރެޓް ސުޕަސްޓާ"ގެ ވިޔަފާރި ރަނގަޅުވާން ފަށައިފި

އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" ރިލީޒް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ފިލްމުގެ ވިޔަފާރި އުޅުނީ ވަރަށް އެވްރެޖް ވަރެއްގަ އެވެ. ނަމަވެސް ފިލްމު ވަރަށް އަވަހަށް ވައިގައި ހިފައި ދެ ވަނަ ދުވަހު ވަނީ ވިޔަފާރި ދެ ގުނަ އިތުރުވެފަ އެވެ.

ފުރަތަމަ ދުވަހު 48 މިލިއަން ރުޕީސް ލިބިފައި ވިޔަސް ދެ ވަނަ ދުވަހު 93 މިލިއަން ލިބިފައިވެ އެވެ. ދެ ދުވަހުން މި ފިލްމަށް މިހާތަނަށް 14.10 ކްރޯޑު (1.4 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ.

މިހާރު ފިލްމު ކުރިޔަށްދާ ގޮތަށް ބަލާއިރު ހަފުތާ ބަންދު ނިމޭއިރު ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ އެވެ.

ފާޑުކިޔުންތެރިންގެ ރިވިއުތަކުގައި މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ފިލްމު ވަރަށް ރީތިވެފައި މޮޅު ކަމަށެވެ. ހިތަށް އަސަރުކުރުވާ ކަހަލަ މޮޅު ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ބަތަލާ ޒާއިރާ ވަސީމް ކުޅެފައިވާ މޮޅު ރޯލު ވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ "ސީކްރެޓް ސުޕަސްޓާ" އަކީ އިންސިޔާ ކިޔާ ޓީންއޭޖް ފުރައިގެ އަންހެންކުއްޖެއްގެ ވާހަކަ އެވެ. އަދި ޕްރޮފެޝަނަލް ލަވަކިޔުންތެރިޔަކަށް ވުމަށް އިންސިޔާ ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ވީ ގޮތެވެ.

"ސީކްރެޓް ސުޕަސްޓާ" އަކީ 50 ކްރޯޑު (ފަސް ބިލިއަން ރުޕީސް) އަށް ވުރެ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ ފިލްމުގެ ޚަރަދު ފޫބެދި ކާމިޔާބު ފިލްމަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.