24 އޮކްޓޯބަރ 2017 - 09:13

"ގޯލްމާލް އެގެއިން" އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ. ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް އެ ދުވަހު އެކަނިވެސް ވަނީ 30.14 ކްރޯޑު (ތިން ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ލިބިފަ އެވެ.
ފާޑުކިޔުންތެރިންގެ ރިވިއުތަކުގައި ވަރަށް މަސްހުނި ޚިޔާލުތަކެއް ހުރި ނަމަވެސް ފިލްމު ބަލާ ހިތުން ތިބި މީހުންގެ ރޫހަކަށް ބަދަލެއް ނާދެ އެވެ. އިންޑިއާގެ ގިނަ ސިނަމާތަކުގެ ބޭރުގައި ފިލްމު ބަލަން ވަރަށް ގިނަ މީހުން ގޮސް ކިއޫގައި ތިއްބެވެ.
"ގޯލްމާލް އެގެއިން" އަކީ ހެއްވާ މަޖާ ފިލްމަކަށް ވުމީ ފިލްމު މިހާ ރަނގަޅަށް ހިނގަން މެދުވެރިވީ ސަބަބެކެވެ. އަދި މި ސީރީޒްގެ ކުރިން ނުކުތް ފިލްމުތަކަށް ވެސް ބެލުންތެރިން ބޮޑު ތަރުހީބެއް ދީފައި ވުމުން "ގޯލްމާލް"ގެ ފޭނުން ގިނަވުމީ ވެސް ފިލްމު ބަލާ މީހުން ގިނަވާން ދިމާވި ކަމެކެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަޖޭ ދޭވްގަން އާއި ޕަރިނީތީ ޗޯޕްރާ އަދި ތައްބޫ އާއި އަރްޝަދު ވާރްސީ ވަރަށް މަޖާ ރޯލުތައް ކުޅެފައިވެ އެވެ. މި ތަރިން ނޫނަސް އިތުރު ތަރިންތަކެއް މި ފިލްމުގެ އެކި ރޯލުތަކުން ފެނެ އެވެ.
"ގޯލްމާލް އެގެއިން" އަކީ މި ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމެވެ. "ގޯލްމާލް" ވުޖޫދަށް އައީ 2006 ގައި ނެރުނު "ގޯލްމާލް: ފަން އަންލިމިޓެޑް" އިންނެވެ. މި ފިލްމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އަޖޭ ދޭވްގަން ގުޅިގެން އުފެއްދި 10 ވަނަ ފިލްމެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން ޓްރޭޑް އެކްސްޕާޓުން ލަފާ ކޮށްފައިވަނީ ފުރަތަމަ ދުވަހު 22 ކްރޯޑު (2.2 ބިލިއަން ރުޕީސް) ވަރު މި ފިލްމަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެމީހުން އުންމީދު ކުރި ވަރަށް ވުރެ ވެސް ފިލްމުގެ ވިޔަފާރި މިވަނީ މާ ބޮޑަށް ރަނގަޅު ވެފަ އެވެ. މިހާރު ލަފާ ކުރެވޭ ގޮތުގައި ހަފުތާ ބަންދު ނިމޭއިރު ފިލްމަށް 100 ކްރޯޑު (10 ބިލިއަން ރުޕީސް) ލިބޭނެ އެވެ.
ފިލްމާ ދޭތެރޭ ކްރިޓިކްސް ބުނަނީ މިއީ ބުއްދި އާއި ވިސްނުން އެއްފަރާތްކޮށްފައި މަޖާކޮށް ސަކަރާތްޖަހާ ހީނލަން ބަލާލަން ރަނގަޅު ފިލްމެއް ކަމަށެވެ. އެ ނޫން އެއްވެސް ކަމެއް މި ފިލްމުގައި ނެތް ކަމަށް އެ މީހުން ބުނެ އެވެ.
"ގޯލްމާލް އެގެއިން" އަށް ލިބުނު އާދަޔާޚިލާފު ވަރުގަދަ ފެށުމުގެ ސަބަބުން މި ފިލްމު ވެފައިވަނީ މިއަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން "ބަހޫބަލީ 2" ފިޔަވައި ފުރަތަމަ ދުވަހު އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވުނު ފިލްމަށެވެ.