22 އޮކްޓޯބަރ 2017 - 10:06

މެޑްރިޑް (އޮކްޓޯބަރު 22) - ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނަސް އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި އަދި ގަބޫލުނުކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މާދަމާރޭ ލަންޑަނުގައި ބާއްވާ އެވޯޑް ހަފުލާގައި މި އެވޯޑަށް ޒިދާނާ ވާދަކުރާ އަނެއް ދެ ކޯޗުންނަކީ ޔުވެންޓަސްގެ މަސިމޯ އަލެގްރީ އަދި ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރެއާލާއި ހަވާލުވެ ޒިދާން ވަނީ އެ ޓީމަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގެ އިތުރުން ސްޕެނިޝް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްދީފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗެއް ނޫން. އެއީ ވަރަށް ދުރުގައި އޮތް ކަމެއް. އަހަރެންގެ ނަސީބު ރަނގަޅީ ދުނިޔޭގެ އެންމެ މޮޅު ކްލަބްގައި އެންމެ މޮޅު ކުޅުންތެރިންނާ އެކު ހުރުމުން. އަހަރެން ތެދަށް މި ވާހަކަ ދައްކަނީ. މިއީ އަހަރެން ފުޓްބޯޅަ އަށް ގަޔާވާތީ ކުރާ ކަމެއް. އަހަރެން މިދަނީ އަދިވެސް ދަސްކުރަމުން،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ އެވޯޑް އޭނާ އަށް ލިބިއްޖެނަމަ ބަލައިގަންނާނެ ކަމަށެވެ.
"ފީފާއިން އަހަންނަށް އެވޯޑް ދީފިނަމަ ހެޔޮހިތުން އެކަން ގަބޫލުކުރާނަން. އެކަމަކު އޭގެ މާނަ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗަކީ އަހަރެން ކަމަށް ގަބޫލުކުރީ އެކޭ ނޫން،" އޭނާ ބުންޏެވެ.
ލީގުގައި ރޭ ކުޅުނު މެޗުން ސެވިއްޔާ އަތުން ވެލެންސިއާ މޮޅުވުމުން އެ ޓީމު ވަނީ ލީގުގެ ދެ ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ވެލެންސިއާ ދެ ވަނައިގައި ނުވަ މެޗުން 21 ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ރެއާލް އޮތީ 17 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭ އަމިއްލަ ދަނޑުގައި އެއިބާ އަތުން ރެއާލް މޮޅުވެއްޖެނަމަ ދެ ވަނައިގައި އޮތް ވެެލެންސިއާއާ ޕޮއިންޓަކަށް ގާތަށް ޖެހިލެވޭނެ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.