މައްސަލަ ބޮޑުވި ގޯލަކާ އެކު ބާސެލޯނާ މޮޅުވެއްޖެ
މައްސަލަ ބޮޑުވި ގޯލަކާ އެކު ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (އޮކްޓޯބަރު 22) - ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-0 އިން ބާސެލޯނާ މޮޅުވިއިރު މި މެޗުގައި ބާސެލޯނާގެ ޖެރާޑް ޑެލޮފޭއު ޖެހި ގޯލަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި މެޗުން މޮޅުވެ ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ސެވިއްޔާ އަތުން 4-0 އިން މޮޅުވި ވެލެންސިއާ އެވެ. އެ ޓީމަށް ލިބިފައިވަނީ ނުވަ މެޗުން 21 ޕޮއިންޓެވެ. ތިން ވަނައިގައި ރެއާލް މެޑްރިޑް އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިިދިނީ ޑެލޮފޭއު އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން ލޫކަސް ޑީނޭ ބޯޅަ ނެގީ ބޯޅަ ލައިނުން ބޭރުވެފައި އޮއްވަ އެވެ. މި ލަނޑާ އެކު މަލާގާ ކުޅުންތެރިން ވަނީ މެޗުގެ ރެފްރީ އަށް ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ.

"މިއީ ވަރަށް ހަޑި މަންޒަރެއް. ބޯޅަ ވަނީ މީޓަރެއްހާތަން ލައިނުން ބޭރަށް ގޮސްފައި،" މަލާގާ ޑިފެންޑަރު ލުއިސް ހެނާންޑޭޒް ޑެލޮފޭއުގެ ގޯލުގެ ޝަކުވާކުރަމުން ބުންޏެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ އަންދްރެސް އިނިއެސްޓާ އެވެ. މިއީ މިދިޔަ ދެ އަހަރު ތެރޭ ލީގުގައި އިނިއެސްޓާ ޖެހި ފުރަތަމަ ލަނޑެވެ. އޭނާ އެންމެ ފަހުން ލަނޑު ޖެހީ 2015 ވަނަ އަހަރު ރެއާލް ކޮޅަށެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ކުޅުންތެރިން ވަރުބަލިވުމުގެ ސަބަބުން ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށެވެ.

"މިއީ ހަ ދުވަސްތެރޭ އަހަރެމެން ކުޅުނު ތިން ވަނަ މެޗު. ވަރުބަލިކަން ވަރަށް ބޮޑަށް ކުޅުންތެރިންގެ ފަރާތުން ފެނުނު،" ވަލްވޭޑޭ ބުންޏެވެ.