21 އޮކްޓޯބަރ 2017 - 21:43

ޔޯކްޝަޔާ، އިންގްލެންޑް (އޮކްޓޯބަރު 21) - ސާޅީސް ފަސް އަހަރަށް ފަހު އަލަށް އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ހަޑްސްފީލްޑް ޓައުން އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މިއީ ފާއިތުވި 65 އަހަރުތެރޭ ޔުނައިޓެޑް އަތުން ހަޑްސްފީލްޑް މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ހަޑްސްފީލްޑުން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 1952 ވަނަ އަހަރު އެވެ. މިރޭގެ މެޗުން ބަލިވުމުން ޔުނައިޓެޑު ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
ޔުނައިޓެޑް ބަލިވުމުން ވާދަވެރި މެންޗެސްޓާ ސިޓީ ވަނީ މިރޭ ބާންލީ އަތުން 3-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އަށް ނުވަ މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ނުވަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ހަޑްސްފީލްޑް އޮތީ މިރޭގެ މޮޅާ އެކު ނުވަ މެޗުން 12 ޕޮއިންޓް ހަމަކޮށް ލީގުގެ ދިހަ ވަނައިގަ އެވެ.
މިރޭގެ މެޗުގެ ކުރިން ޔުނައިޓެޑް ކޮޅަށް ލީގުގައި ކުޅުނު އަށް މެޗުން ވަދެފައިވަނީ އެންމެ ދެ ގޯލެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ކުޅުންތެރިންނަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަަގައި މިރޭގެ މެޗުގައި ހަޑްސްފީލްޑުން ވަނީ ފަސް މިނިޓް ތެރޭ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ހުއާން މަޓާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަޑްސްފީލްޑަށް ލީޑުނަގައިދިނީ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އާރޮން މޫއީ އެވެ.
އޭގެ ފަހުން މެޗުގެ 32 ވަނަ މިނިޓްގައި ޔުނައިޓެޑަށް ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ވިކްޓަ ލިންޑެލޯފަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހަޑްސްފީލްޑްގެ ލީޑުފުޅާކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ލައުރެންޓް ޑިޕޮއިޓްރާ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑުން ބަދަލުތަކާ އެކު ނުކުމެ ގިނަ އެޓޭކުތަކެއް ކުރި އެވެ. އެ ޓީމަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 78 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން މާކަސް ރެޝްފޯޑެވެ. މެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑްގެ ކްރިސް ސްމޯލިން އަށް ނަތީޖާ ހަމަހަަމަ ކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މޮޅުވުމުގެ ރޫހުގައި ރަނގަޅަށް ކުޅުނު ޓީމަށް ކާމިޔާބު ލިބުމުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
"މި ނަތީޖާ އަކީ އަހަރެމެންނަށް ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުން ދިމާވި ކަމެއް. މޮޅުވާން ބޭނުންވެގެން ރަނގަޅަށް ކުޅުނު ޓީމު މި މޮޅުވީ. އަހަރެމެންނަށް މީ ހައްގު ބައްޔެއް. ހަޑްސްފީލްޑަށް ހައްގު މޮޅެއް،" މޮރީނިއޯ ބުންޏެވެ.
މި މެޗުން މޮޅުވުމުން ހަޑްސްފީލްޑުގެ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި ކޯޗިން ސްޓާފުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ސިޓީ އަށް މިރޭގެ މެޗުގައި ލަނޑު ޖަހައިދިނީ ސާޖިއޯ އަގުއޭރޯ އާއި ލިރޯއީ ސާނޭގެ އިތުރުން ނިކޮލަސް އޮޓަމެންޑީ އެވެ. މި މެޗުގައި އަގުއޭރޯ ޖެހި ގޯލާ އެކު އޭނާ ވަނީ ސިޓީ އަށް 177 ލަނޑު ޖަހައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ އެރިކް ބްރުކް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އަދި މި މެޗުން ސިޓީ މޮޅުވުމާ އެކު އެ ޓީމުން ވަނީ ޖެހިޖެހިގެން 11 މޮޅު ހަމަކޮށްފަ އެވެ.
މިރޭ ޗެލްސީ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ވެޓްފޯޑް އަތުން 4-2 އިން މޮޅުވެފަ އެވެ. ޕެޑްރޯ ރޮޑްރިގޭޒްގެ ލަނޑުން ޗެލްސީ ލީޑުނަގާފައިވަނިކޮށް ވަޓްފޯޑުން މެޗުގެ ނަތީޖާ އަނބުރާލީ އަބްދުﷲ ޑޮކޫރޭ އާއި ރޮބާޓޯ ޕެރޭރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ. ޗެލްސީ މޮޅުވީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޝީ ބަޓްޝުއާޔީ ޖެހި ދެ ލަނޑާއި ސެސާ އަޒްޕިލިކުއޭޓާ ޖެހި ގޯލުންނެވެ.