22 އޮކްޓޯބަރ 2017 - 06:25

ސްމާޓް ޑިވައިސްތައް ބޭނުންކުރާ ގިނަ ބަޔަކު، "ވާޗްއަލް ޕްރައިވެޓް ނެޓްވޯކް" (ވީޕީއެން) ބޭނުންކުރެ އެވެ. ވީޕީއެން އަކީ ބައްރުތަކަށް ފެތުރިފައި އޮތް ބޮޑު ވިޔަފާރިއެކެވެ. ވީޕީއެންގެ މައިގަނޑު ބޭނުމަކީ ސިއްރިޔާތުގައި މުއާސަލާތުކުރުމެވެ.
އެމެރިކާގައި އިންޓަނެޓް ޚިދުމަތްދޭ ކުންފުނިތަކުން ފަރުދީ މައުލޫމާތުން ވައްކަންކުރާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ނެޓްވޯކްތައް ބޭނުންކުރާ މީހުންނާ ގުޅުން ހުރި ޒާތީ މައުލޫމާތު ހޯދައި، ކޮންމެވެސް އެހެން ބަޔަކަށް ވިއްކާލުމަކީ ހެކަރުންނަށް ވެސް ފައިދާ ބޮޑު ވިޔަފާރިއެކެވެ.
ޗައިނާގައި ވީޕީއެން އެޕްލިކޭޝަން ބޭނުންކުރުމަކީ މަނާކަމެކެވެ. އެޕްލިކޭޝަން ސްޓޯރުތަކުން ވީޕީއެން ސޮފްޓްވެއާ ވިއްކައި އަދި ހިލޭ ބެހުމަކީ ވެސް ކުށެކެވެ. އެޕަލް ވެސް ވަނީ އެކަމުން މަނާވެގެންފަ އެވެ.
ވީޕީއެން ބޭނުންކުރުމަކީ ބައެއް އެހެން ގައުމުތަކުގައި ވެސް މަނާކަމެކެވެ. ބެލަރުސް، އީރާގު، އޮމާން، ތުރުކީ އަދި ޔޫއޭއީ ގައި ވީޕީއެން ބޭނުންކުރުން މަނަ އެވެ. އެ ނޫން ގޮތެއް ގައި ޖަލު ހުކުމެއް އައުމަކީ ވެސް ގާތް ކަކެވެ. އީރާން، ނޯތު ކޮރެއާ، ރަޝިޔާ އަދި ތުރުކްމެނިސްތާންގައި ހުއްދަކުރެވޭ ވަކި ވީޕީއެއް ޚިދުމަތްތަކެއް ބޭނުންކުރެވެ އެވެ. އެކަމަކު ފެނިއްޖެ ހިނދެއްގައި ބަންދުކުރެވެ އެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރެވޭ މުއާމަލާތުތަކުގައި، ފަރުދީ މައުލޫމާތު ހިއްސާކުރަންޖެހެ އެވެ. ޒަމާނީ ފަސޭހަތައް އަތުޖެހޭ ފަށަށް އައިސްފައި ހުރިއިރު، ފޯނު ނަންބަރާއި، ބޭނުން އެކައުންޓް އަދި އަމިއްލަ ނަފުސާ ގުޅުން ހުރި ކިތަންމެ މައުލޫމާތެއް، އޮންލައިން ފޯމްތަކުގައި ލިޔަންޖެހެ އެވެ. ވީޕީއެން ބޭނުންކުރަނީ މި ފަދަ މައުލޫމާތު ހިމާޔަތްކުރުމަށެވެ.
ވީޕީއެން އެޕްލިކޭޝަނުން ކޮށްދޭ ކަމަކީ، ތިޔަ ބޭނުންކުރާ ސްމާޓް ޑިވައިސްއިން ކުރާ މުއާމަލާތު، ކޮންމެވެސް އެހެން ތަނެއްގައި ހުންނަ ރިމޯޓް ސާވާއަކަށް، އެެހެން އެއްވެސް މީހަކަށް ނޭނގޭ ގޮތަށް، ފޯރުކޮށްދިނުމެވެ. އެ ގޮތުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވެސް، ސިއްރިއްޔާތުގައި ބަދަލުކުރެވެނީ ކޮން މައުލޫމަތެއްކަން ދެނެ ނުގަނެވެ އެވެ.
ވާޗުއަލް ޕްރައިވެޓް ނެޓްވޯކެއްގެ ތެރެއިން ޒާތީ މުއާމަލާތުކުރުމަކީ ނުރަނގަޅު އަމަލެއް ގޮތުގައި ލިސްޓްނުކުރެވެ އެވެ. އެހެން ނަމަވެސް، ކޮންމެ ކަމެއްގައިހެން ނުބައި ފަޅި އޮންން ފަދައިން، ވީޕީއެން ސާވާތައް ބޭނުންކޮށްގެން، ހިމާޔަތްކޮށްފައި ހުންނަ ކޮންޓެންޓްތަކުން ވައްކަންކުރުމަކީ ވެސް ފުޅާ ދައިރާއެއްގައި ކުރެވޭ ކަމެކެވެ. ގޭމްކުޅުން އަދި މޫވީ ޑައުންލޯޑްކުރުމަށް ވެސް ވީޕީއެން ބޭނުންކުރެެވެ އެވެ. ވީޕީއެން އަކީ ހައްދެއް ނެތް ގޮތުގައި ބޭނުންކުރަން ދޫކޮށްލުން ރަނގަޅު ޚިދުމަތެއް ނޫނެވެ.