އަހަރެން ލައްވާ ލަވަ ނުކިޔުއްވާ ސަބަބެއް ނޭނގޭ: ޝާން
އަހަރެން ލައްވާ ލަވަ ނުކިޔުއްވާ ސަބަބެއް ނޭނގޭ: ޝާން

އެއީ 1990ގެ ތެރޭގައި، އިންޑިއާގެ ލަވަކިޔުންތެރިޔާ ޝާން ލަވަ ކިޔަން ފެށި ދުވަސްވަރެވެ. އޭނާގެ "ތަންހާ ދިލް" މަޝްހޫރުވެގެން އައި ދުވަސްވަރެވެ. ޝާންގެ އަޑާއި ސިފަޔަށް ހިތް ލެނބުނު މީހުން ގިނަ އެވެ. އޭރު އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލީ ވެސް ޝާންގެ ލަވަތަކެވެ. އެއީ ސޯނޫ ނިގަމްގެ ރަން ޒަމާނެވެ. ބޮލީވުޑް ކޮންމެ ލަވައެއް ކަހަލަ ގޮތަކަށް ސޯނޫ ލައްވާ ކިޔުއްވަމުން އައި ދުވަސްވަރެވެ. ނަމަވެސް ސޯނޫ އާ އެއް ފެންވަރަށް ނުދިޔަ ނަމަވެސް ފިލްމު އިންޑަސްޓްރީން ޝާން ވެސް ޚާއްސަ މަގާމެއް ހޯދި އެވެ.

ނަމަވެސް މިހާރު އެކަން ވަނީ ބަދަލުވެފަ އެވެ. އަލަށް ފެށި ޓޯކް ޝޯ "ޓޯކިން މިއުޒިކް"ގައި ވާހަކަ ދައްކަމުން ޝާން ހިއްސާކުރި ވާހަކަ ތަކަކީ ގިނަ ބައެއްގެ ހިތަށް ވަރަށް އަސަރުކުރާ ކަހަލަ ވާހަކަތަކެކެވެ.

ޝާން ބުނި ގޮތުގައި މިޒަމާނުގައި އެންމެ މޮޅު އަދި މަޝްހޫރު މީހަކީ ސޯޝަލް މީޑިއާގައި އެމީހަކު ފޮލޯކުރާ މީހުން އެންމެ ގިނަ މީހެކެވެ. އޭނާއަށް ލިބެމުންދިޔަ ލަވަކިއުމުގެ ފުރުސަތުތައް ހުއްޓި އެއްވެސް މީހަކު މިހާރު އޭނާ ލައްވާ ލަވައެއް ކިޔުއްވަން ބޭނުން ނުވާ ސަބަބެއް ނޭނގޭ ކަމަށް ޝާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ ލައްވާ ލަވަ ނުކިޔުއްވަނީ އޭނާ ލަވަކިޔުމުގައި މުސްކުޅި ގޮތް ގެންގުޅޭތީއެއް ނޫނެވެ. ނުވަަތަ އޭނާއަށް މިޒަމާނުގެ ސްޓައިލަށް ލަވަ ކިޔަން ނޭނގޭތީއެއް ވެސް ނޫނެވެ. އަދި އޭނާ ލަވަ ކިޔައިދޭން މާ ގިނަ ފައިސާއަށް ޑިމާންޑް ކުރާތީއެއް ވެސް ނޫނެވެ. އަދި އޭނާއަކީ ބޮޑާ ކިބުރުވެރި މީހަކަށް ވެގެނެއް ވެސް ނޫނެވެ.

ޝާން ބުނީ އެއްވެސް މީހަކު އޭނާއަށް ހާއްސަ ގޮތަކަށް ކަންތައް ކޮށްދީފައި ނުވާ ކަމަށެވެ. އެހެންވެ އެއްވެސް މީހެއްގެ އިހްސާންތެރިކަމުގެ ބަދަލު ދޭން ޖެހިފައި ނޯންނާނެ ކަމަށް ބުންޏެވެ.

ލަވައެއް ކިޔަން ހުށަނޭޅިޔަސް އޭނާގެ ހާލަށް ހަމްދަރުދީވެގެން މީހަކު އޭނާ ލައްވާ ލަވަ ކިޔުއްވަން އަންނާކަށް ޝާން ނޭދެ އެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ މޮޅު ލަވަކިޔުންތެރިންތަކުގެ ކެރިއަރަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ލަވަކިޔުމުގެ ރިއަލިޓީ ޝޯތަކެވެ. އެ ޝޯތަކުން ނުކުންނަ ލަވަކިޔުންތެރިންނަށް ކުއްލިއަކަށް ލިބޭ އާދަޔާޚިލާފު މަޝްހޫރުކަމެއްގެ ސަބަބުން އެމީހުންނަށް ފިލްމުތަކަށް ލަވަ ކިޔުމުގެ ފުރުސަތުތައް ލިބެ އެވެ.

އޮޓޯ ޓިއުން ކޮށްލެވޭ މި ޒަމާނުގައި މާ މޮޅަށް ލަވަ ނުކިޔޭ މީހަކު ލައްވާ ވެސް ރީއްޗަށް ލަވައެއް ކިޔުއްވުމަކީ މާ އުނދަގޫ ކަމަކަށް ނުވެ އެވެ. އެހެންވެ އެ ފަންނަން އަރާހުރި ކުޅަދާނަ ތަޖުރިބާކާރުންގެ ބޭނުން މިއުޒިކް އުފައްދާ މީހުންނަކަށް ނުވިސްނެ އެވެ.