21 އޮކްޓޯބަރ 2017 - 17:05

ބ. ކެންދޫ ފަޅު ތެރޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަޑިއަށް ދިޔަ ތެޔޮ ބޯޓުން ކަނޑަށް ތެޔޮ އެޅެމުންދާތީ އެކަން ހުއްޓުވަން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ، ވަރަށް ބޮޑު ސަރަހައްދަކަށ ތެޔޮ ފެތުރިއްޖެ އެވެ.
ތެޔޮ ހިފައިގެން ކެންދުއަށް ދިޔަ "ގަލްފް" ނަމަކަށް ކިޔާ އެ ބޯޓު އަޑިއަށް ދިޔައީ 31،000 ލީޓަރުގެ ތެލާ އެކު އެވެ. އެކަމަކު އަލިފާން ރޯވުމާ އެކު ބޯޓު ރަށު ފަޅުން ނެރެ ކަނޑަށް ދޫކޮށްލި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިވަގުތު 20 މީޓަރު އަޑީގައި އޮތް އެ ބޯޓުން ލީކުވަމުންދާ ތެޔޮ 50 ވަރަކަށް މީޓަރު ސަރަހައްދަށް ފެތުރިފައިވާ ކަމަށެވެ.
"މިއީ ވަރަށް ހައި ކޮލިޓީގެ ޕެޓްރޯލް. އެހެންވުމުން ވަރަށް ފަސޭހައިން އެވޮޕަރޭޓްވެގެން މައްޗަށް އަރައިގެންދޭ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގެ މޫސުމް ގޯސްވުމުން ކޯސްޓް ގާޑުގެ ޑައިވަރުންނަށް ޑައިވްކުރަން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެންވަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކެންދޫ ކައިރިއަށް އަޑިއަށް ދިޔަ ބޯޓުން ތެޔޮ ލީކުވުން ހުއްޓުވުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވެ ލަސްވަނީ މޫސުމް ގޯސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިހި މީޓަރަކީ އެހާ އަޑިއެއް ނޫން. އެހެންވީމަ އެ ބޯޓުގައި ހުރި ތެޔޮ ލީކުވުން ހުއްޓުވުމުގެ ގާބިލްކަން ހުންނާނެ. މޫސުމް ގޯސްވީމަ ތަންކޮޅެއް އުނދަގޫވާނެ އެކަން ކުރަން،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަޑިއަށް ދިޔަ ބޯޓުން ލީކުވަމުންދާ ތެލުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުވާނެ ކަމަށެވެ.
"މި ސަރަހައްދަކީ ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ހަނިފަރާ ވަރަށް ދުރު ސަރަހައްދެއް. ނަމަވެސް މި މައްސަލަ ވީއެންމެ އަވަހަށް ހައްލުކުރަން މަސައްކަތްކުރަމުން މިދަނީ،" ނައީމް ވިދާޅުވި އެވެ.