ކެޓަލޯނިއާގެ ޕާލަމެންޓް އުވާލަން ސްޕޭނުން މަސައްކަތް ކުރަނީ
ކެޓަލޯނިއާގެ ޕާލަމެންޓް އުވާލަން ސްޕޭނުން މަސައްކަތް ކުރަނީ

މެޑްރިޑް (އޮކްޓޯބަރު 21) - ކެޓަލޯނިއާގެ ޕާލަމެންޓް އުވާލުމަށް ފަހު އަންނަ ޖެނުއަރީ މަހު އާ އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް ސްޕޭން ސަރުކާރުން ފަށައިފި އެވެ.

އިދިކޮޅު މައި ސޯޝަލިސްޓް ޕާޓީން މިހާރު ވަނީ ސްޕޭން ސަރުކާރުގެ ސީދާ ބާރު ކެޓަލޯނިއާ އަށް ހިންގަން އަޅާ ފިޔަވަޅުތަކަށް ތާއީދު ކުރާނެ ކަމަށް ބުނެފަ އެވެ. ކެޓަލޯނިއާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ބޭނުންވާ ކަމަށް ބޮޑު ވަޒީރު މާރިއާނޯ ރާޔޯ ވެސް ވަނީ ވިދާޅުވެފަ އެވެ. މައި ސަރުކާރުގެ ބާރު ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ މައްޗަށް ހިންގުމަށްޓަކައި ސްޕޭން ސަރުކާރުގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖެނުއަރީ މަހު ބާއްވާނެ އިންތިޚާބާ ބެހޭ ތަފްސީލް ސްޕޭން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޮޑު ވަޒީރު ވިދާޅުވީ ކެބިނެޓުގެ ބައްދަލުވުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

މިއީ ސްޕޭނުގެ ޑިމޮކްރެޓިކް ހަޔާތުގެ 40 އަހަރު ދުވަހު ތެރޭ ސަރަހައްދީ ސަރުކާރެއް އުވާލާ އާ އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ސްޕޭން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުން ކުރުމަށެވެ. ކެބިނެޓުގެ ބައްދަލުވުމުގެ ބޭނުމަކީ ވެސް އެކަމާ މެދު ގޮތެއް ނިންމުމެވެ. ކެބިނެޓުގެ ނިންމުން ދެން ފޮނުވާނީ ސެނެޓުގެ ރުހުން ހޯދުމަށެވެ. ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ސެނެޓުގެ ބައްދަލުވުމެއް މި މަހު 27 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ސްޕޭނުގެ ގާނޫނު އަސާސީ 1978 ވަނަ އަހަރު ތަސްދީގު ކުރި ފަހުން 155 ވަނަ މާއްދާ އަށް އަމަލުކޮށްފައެއް ނުވެ އެވެ. އެ މާއްދާގެ ދަށުން ސްޕޭނުގެ މައި ސަރުކާރުން ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ފޯރުވެވޭނެ އެވެ.

ކެޓަލޯނިއާގެ މިނިވަންކަމާ ގުޅޭ ގޮތުން މި މަހު 1 ވަނަ ދުވަހު ނެގި ވޯޓަށް ފަހު މައި ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 2.25 މިލިއަން މީހުންގެ ތެރޭން 90 ޕަސެންޓް މީހުން ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއީދު ކޮށްފަ އެވެ.