ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާގެ މާދަމާ ބާއްވާ އަޑުއެހުމަކީ ފާރިސްގެ ފަރާތުން ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައި، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ނެހެދޭތީ އެ ޝަރީއަތް މަޑުޖައްސާލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ އެދުވަހު ވަނީ ވިދާޅުވެފަ އެވެ.

ޖަލު ބަންދުގައި ހުންނެވުމަށް ފަހު ވަގުތީ ގޮތުން މިހާރު ގޭ ބަންދުގައި ހުންނެވި ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

އެ ދައުވާ އިތުރުން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ. ފާރިސް މިވަގުތު ބަންދުގައި ހުންނެވީ އެ މައްސަލައާ ގުޅިގެންނެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސަށް ތިން އަހަރުގެ ޖަލު ހުކުމެއް އައިސް، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.