22 އޮކްޓޯބަރ 2017 - 06:22

ކޮމެޑީ ފިލްމުތަކާއި އެކްޝަން ފިލްމުތައް ޑައިރެކްޓްކުރުމުގައި ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީ އަމީތާބު ބައްޗަން ލައްވާ ފިލްމެއް ކުޅުވަން ބޭނުންވާ ކަމަށް ބުނެފި އެވެ.
ރޯހިތު ބުނީ އަމީތާބު ލައްވާ ފިލްމު ކުޅުވުމުގެ ވިސްނުން އަބަދުވެސް އޮންނަ ކަމަށާއި އެއީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"އަމީތާބަކީ އަހަރެންނަށް އެންމެ މަގުބޫލު އެކްޓަރު. އަހަރެން ވަރަށް ލޯބިވާ އެކްޓަރެއް އެއީ. އަހަރެން ވަރަށް ކުރިއްސުރެ ދެކެމުން އަންނަ ހުވަފެނެއް އެއީ އަމީތާބު ބައިވެރިކޮށްގެން ފިލްމެއް އުފެއްދުމަކީ. އަހަރެން މި ބަލަނީ ވަރަށް ވަރުގަދަ ކޮމާޝަލް ފިލްމެއް އޭނާ ލައްވާ ކުޅުވަން. އެ ކަަހަލަ ފިލްމެއްގެ ކެރެކްޓާއެއް އަހަންނަށް ލިބޭ ދުވަހަކުން އޭނާގެ ކައިރިއަށް ދާނަން،" ރޯހިތު ބުންޏެވެ.
ރޯހިތުގެ އެންމެ ފަހުގެ ފިލްމު "ގޯލްމާލް އެގެއިން" މިހާރު ބޮކްސް އޮފީހުގައި އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ރޯހިތު ގަބޫލުކުރާ ގޮތުގައި އޭނާގެ ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ އޭނާގެ ނަސީބު ރަނގަޅުކަމުންނާއި ބުރަ މަސައްކަތުންނެވެ. އޭނާ ބުނި ގޮތުގައި "ގޯލްމާލް" ޑައިރެކްޓްކުރަން ނުލިބުނު ނަމަ އޭނާ ވީހީ ހަމައެކަނި އެކްޝަން ޑައިރެކްޓަރަކަށެވެ. ކޮމެޑީ ފިލްމުތައް ވެސް ޑައިރެކްޓްކުރެވިދާނެކަން ޔަގީންވީ "ގޯލްމާލް" ސީރީޒްގެ ފިލްމުތައް އުފެއްދުމުގެ ފުރުސަތު ލިބުމުންނެވެ.
ރޯހިތަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ޑައިރެކްޓަރު ކަމަށް ބުނެވެ އެވެ. ނަމަވެސް ރޯހިތު ބުނީ އޭނާއަށް އެކަން ނޭނގޭ ކަމަށެވެ.
"ވަރަށް ގިނަ ހުނަރުވެރި މޮޅު ޑައިރެކްޓަރުން އެބަ އުޅޭ. އެމީހުންގެ ފީއަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގޭ. އެހެންވެ އަހަންނަކީ އެންމެ އަގުބޮޑު ޑައިރެކްޓަރުކަމެއް ޔަގީނެއް ނޫން،" ރޯހިތު ބުންޏެވެ.
ރޯހިތު ދެން އެންމެ އަވަހަށް ފަށާނީ "ސިންގަމް 3" ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ފިލްމަށް ރަނގަޅު ސްކްރިޕްޓެއް އަދި އޭނާއަކަށް ނުލިބެ އެވެ.