21 އޮކްޓޯބަރ 2017 - 07:54

މެންޗެސްޓާ (އޮކްޓޯބަރު 21) - ވާދަވެރި ޓީމުތަކުން ފާޑުކިޔަނީ އޭނާ އަކީ ކާމިޔާބު ކޯޗަކަށް ވުމުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ޔުނައިޓެޑުން ވަނީ ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ޑިފެންސިވް ގޭމެއް ކުޅެ އެއްވަރުކުރިއިރު، ޗެމްޕިއަންސް ލީގުގައި ބެންފީކާ އަތުން މޮޅުވީ ހަނިގޮތަކަށެވެ.
މޮރީނިއޯ ބުނީ ޔުނައިޓެޑް ތަފާތު ބޮޑުކޮށް މޮޅުވިއިރު ވެސް ފާޑުކިޔުން އަމާޒުވި ކަމަށާއި އަދި އެހެން ނަތީޖާތައް ނެރޭއިރު އެކަން ގިނަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި މިއީ އަހަރެންގެ މައްސަލައެއް. އެއީ ގިނަ ބަޔަކަށް އަހަރެން ސިފަވަނީ ވަރަށް ކާމިޔާބު ކޯޗެއްގެ ގޮތު. ކޮންމެ ޓީމެއް ގޮވައިގެން ވެސް ރަނގަޅު ނަތީޖާތަކެއް ނެރެ ތަށި ވެސް ހޯދާތަން މި ފެންނަނީ،" މިރޭ ރަށުން ބޭރުގައި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.
ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ޗެލްސީގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވެފައިވާތީ އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެކަމާ ގުޅޭގޮތުން މޮރީނިއޯ ބައެއް ކޯޗުން އަނިޔާގެ ޝަކުވާކޮށް ކަރުނައަޅަމުންދާ ކަމަށް ބުނުމުން އޭނާ އަށް ކޮންޓޭ ވަނީ ރައްދުދީފަ އެވެ. އަދި މޮރީނިއޯ އަމިއްލަ ޓީމާ މެދު ވިސްނުމަށް އެންގި އެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން މޮރީނިއޯއާ ސުވާލުކުރުމުން އޭނާ ވަނީ ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.
"އަހަރެން އޭނާ (ކޮންޓޭ)އާ ވާހަކައެއް ނުދައްކަން. އަހަންނަށް ނޭނގެ އޭނަ (ކޮންޓޭ) އަހަންނާ ވާހަކަ ދައްކަންވި ސަބަބެއް. އެކަމަކު އެއީ މައްސަަލައެއް ނޫން. އެއީ ފަހަރެއްގައި ވެދާނެ އޭނަ (ކޮންޓޭ)ގެ މައްސަލައެއް މީގައި ނެތް ކަމަށް. ނޫސްވެރިން ނުބައި މެސެޖެއް ދިނީ ކަމަށް،" މޮރީނިއޯ ބުންޏެވެ.
އަނިޔާގެ ސަބަބުން މިރޭގެ މެޗުގެ ޔުނައިޓެޑްގެ ފިލް ޖޯންސް އާއި މާކަސް ރެޝްފޯޑް ނުފެނިދާނެ ކަމުގެ ބިރު ހީވި ނަމަވެސް އެ ދެ ކުޅުންތެރިން ވަނީ މެޗަށް ފިޓްވެފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް ޔުނައިޓެޑް މިރޭ ހަޑްސްފީލްޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.