21 އޮކްޓޯބަރ 2017 - 07:53

މެންޗެސްޓާ (އޮކްޓޯބަރު 21) - މިދިޔަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ރަނގަޅު ނަތީޖާތަކަކާ އެކު ފެށި ނަމަވެސް ވަކި ހިސާބަކުން ޓީމުގެ ފޯމު ގެއްލި ގިނަ މައްސަލަތަކެއް ދިމާވި ކަމަށާއި މި ސީޒަނުގައި އެކަން ތަކުރާރުވިޔަ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ އަހަރު ސިޓީން ސީޒަން ފެށީ ޖެހިޖެހިގެން 10 މޮޅު ހަމަކޮށްގެންނެވެ. އެހެން ނަމަވެސް އޭގެ ފަހުން ކުޅުނު ހަ މެޗުން އެ ޓީމަށް މޮޅެއް ނުހޯދެ އެވެ. ތިން މެޗު އެއްވަރުވިއިރު އަނެއް ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަދި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.
"މިިދިޔަ ސީޒަނުގައިވީ ގޮތް އަހަރެން ހަނދާން އެބަހުރި. އަހަރެން ވަރަށް ބޭނުން މި ސީޒަނުގައި އަހަރެމެންގެ ފޯމު ދަށްވާ ހިސާބުން ކުޅުންތެރިންގެ ހަރަކާތްތައް ހުންނަ ގޮތެއް ބަލަން. ޔަގީނުންވެސް ކުރިން ވެފައި ހުރި ކަންތައްތައް ތަކުރާރެއް ނުވާނެ،" ގާޑިއޯލާ ބުންޏެވެ.
ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެގެންނެވެ. ލީގުގެ މިހާތަނަށް އެ ޓީމަކީ އެންމެ ރަނގަޅު ނަތީޖާތައް ނެރެފައިވާ ޓީމެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ޓީމު ވެސްމެ އެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ނުކުންނައިރު، ސިޓީ ވަނީ މި ފަހަކަށް އައިސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ތަފާތު ބޮޑުކޮށް ޓީމުތައް ބަލިކޮށްފަ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ސިޓީއާ ދެކޮޅަށް ނުކުންނަ ބާންލީ ވަނީ ރަށުންބޭރުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ޓޮޓެންހަމާއި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކުރި އެވެ.
ގާޑިއޯލާ ބުނީ ބާންލީ ކުޅެނީ ވަރަށް ޑިފެންސިވް ގޭމެއް ކަމަށާއި އެހެން ނަމަވެސް ކައުންޓަ އެޓޭކުގައި އެ ޓީމުގެ ނުރައްކާ ބޮޑު ކަމަށެވެ.
ސިޓީން މިހާތަނަށް މި ސީޒަނުގައި ކުޅުނު މެޗުތަކުގައި ގާޑިއޯލާގެ ނަޒަރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. އަދި އޭނާގެ އިތުރުން ރަހީމް ސްޓާލިން އާއި ލިރޯއީ ސާނޭގެ ލަނޑު ޖެހުމުގެ ރެކޯޑް ރަނގަޅުކަން ފާހަގަކުރި އެވެ.
ސިޓީ އާއި ބާންލީ ކުޅޭ މެޗު ފަށާނީ މިރޭ 7 ޖަހާއިރު އެވެ.