ޗައިނާގެ ރައީސް މަގާމުން ދުރުކުރަން ޕާޓީތެރޭން މަސައްކަތް ކުރަނީ
ޗައިނާގެ ރައީސް މަގާމުން ދުރުކުރަން ޕާޓީތެރޭން މަސައްކަތް ކުރަނީ

ބެއިޖިން (އޮކްޓޯބަރު 20) - ޗައިނާގެ ރައީސް ޝީ ޖިންޕިން މަގާމުން ދުރުކުރުމަށް ޕާޓީގެ ތެރޭން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރައީސް ޝީއާ ދެކޮޅަށް މަސައްކަތް ކުރި ގިނަ މެންބަރުގެ ބޮލުގައި ކޮރަޕްޝަނުގެ ތުހުމަތު އަޅުވައި އެ މެންބަރުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ބައެއް އޮބްޒާވާރުން ބުނި ގޮތުގައި ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނެއް ރައީސް ޝީ ވެއްޓެވީ ވެސް ސިޔާސީ ގޮތުން ދެކޮޅުވެރި ފަރާތްތައް ހައްޔަރު ކުރުމަށެވެ.

ޗައިނާގެ ސެކިއުރިޓީސް ކޮމިޝަންގެ ވެރިޔާ ލިއު ޝިޔު އިއްޔެ ވަނީ ރައީސް ޝީ ޕާޓީގެ ލީޑަޝިޕުން ދުރުކޮށް ގައުމުގެ ވެރިކަން ހޯދަން މަސައްކަތް ކުރަމުން ދިޔަ ސީނިއަ ހަ މެންބަރެއްގެ މައުލޫމާތު އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ސެކިއުރިޓީއާ ބެހޭ ކުރީގެ ވެރިޔާ ޒޫ ޔޮންކަން އަަދި ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ބޯ ޝިލާއީ އާއި ޕޮލިޓްބިއުރޯގެ ކުރީގެ މެންބަރު ސުން ޒެންކައި ހިމެނެ އެވެ.

މިހާރު ކުރިއަށްދާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގެ ޕެނަލް ބައްދަލުވުމެއްގައި ލިއު ވިދާޅުވީ މިއީ ވަރަށް ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.

ޗައިނާގެ ވެރިކަމާ 2012 ވަނަ އަހަރު ޝީ ހަވާލުވެވަޑައިގެންނެވި ފަހުން ކޮރަޕްޝަނުގެ ތުހުމަތުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ކޮރަޕްޝަނުގެ ތުހުމަތު އަޅުވާ ޝީގެ ސިޔާސީ ވާދަވެރިން ވެސް ހައްޔަރު ކުރާ ކަމަށެވެ.