ބިދޭސީމީހާގެ ހަށިގަނޑުގެ 45 ޕަސަންޓު ފިހިފައި، މާލެ ފޮނުވާލަނީ
ބިދޭސީމީހާގެ ހަށިގަނޑުގެ 45 ޕަސަންޓު ފިހިފައި، މާލެ ފޮނުވާލަނީ

ބ. ކެންދޫ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީމީހާގެ ހާލު ސީރިއަސްކަމުން، މާލެ ފޮނުވާލަން މަސައްކަތް ކުރާ ކަމަށް އޭދަފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

ތެޔޮ ހިފައިގެން ކެންދޫ އަށް ދިޔަ ޔޫ ފިލް ކުންފުނީގެ "ގަލްފް" ނަމަކަށް ކިޔާ ބޯޓުގައި މިއަދު ހެނދުނު ރޯވީ ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ފިހުނީ ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ.

އޭދަފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ފިހުނު މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކަރުން ތިރީގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކެންދޫ ސިއްހީ މަރުކަޒުގަ އެވެ.

"މޫނު މައްޗަށް އަލިފާނުގެ އަސަރުކޮށްފައި ހުރީ. ބޮޑަށް ފަޔާއި ފަލަމަސްގަނޑުގެ ފިހިފައިވަނީ. ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ވީހާވެސް އަވަހަކަށް މާލެ ފޮނުވާލަން މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ގަލްފް ބޯޓުގައި ރޯވިއިރު، ދެ ދިވެހިންނާއި ބިދޭސީއަކު އޭގައި ތިއްބެވެ. އެކަމަކު، ދެ ދިވެހިންނަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

"ނަޔަމް ފިހާރަ" އަށް ޕެޓްރޯލާއި ޑީސަލް ހިފައިގެން ދިޔަ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު، ބޭނުން ނުކުރެވޭ ވަރަށް ބޯޓު ވަނީ އަނދައިފަ އެވެ. އަދި އޭގެ ފަހުން ބޯޓުގެ ބޮޑު ބައެއް ވަނީ ފެތިފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ކެންދު އަށް ދިޔައީ 25،000 ލީޓަރު ޕެޓްރޯލާއި 6،000 ލީޓަރު ޑީސަލް ހިފައިގެން ކަމަށާއި ސަލާމަތް ކުރެވުނީ 1،400 ލީޓަރު ޕެޓްރޯލް އެކަނި ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި މި ހާދިސާ ހިނގީ ޕަމްޕެއް ބޭނުންކޮށްގެން ޕެޓްރޯލް އަޅަނިކޮށެވެ. ޕަމްޕު ކުއްލިއަކަށް ބޯޓު ތެރެއަށް ވެއްޓި، މުޅި ބޯޓު ތެރެއަށް ޕެޓްރޯލް ފޭބި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބޯޓުގައި ރޯވީ، ސައިލެންސަރުގައި ހުޅު ހިފައިގެން ކަމަށް ބެލެވެ އެވެ.

މި ހާދިސާ ހިނގުމުން ރަށު ގިނަ ބަޔަކު ނިކުމެ ފަޅުތެރޭ ހުރި އުޅަނދުތައް ވަނީ ފަޅުން ބޭރަށް ނެރެ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިފަ އެވެ. އަދި ރޯވި ބޯޓު ވެސް ފަޅު ތެރެއިން ނެރުނެވެ.