03 ޖުލައި 2016 - 12:11

ބޯޑޯ، ފްރާންސް (ޖުލައި 3) - ޔޫރޯގެ ކުއާޓާ ފައިނަލުގައި ރޭ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވީ ނަސީބު ރަނގަޅުކަމުން ކަމަށާއި އެކަމަކު މުޅި މެޗަށް ބަލާއިރު ޖަރުމަނަށް ލިބުނީ ހައްގު މޮޅެއް ކަމަށް އެ ޓީމުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތްއިރު ނަތީޖާ ނެރެން ކުޅުނު 15 މިނެޓުގެ ދެ ހާފު ނިމުނުއިރު ވެސް ނަތީޖާއެއް ބަދަލެއް ނާދެ އެވެ. ޕެނަލްޓީ ޖަހައިގެން ޖަރުމަން މޮޅުވީ 6-5 އިންނެވެ.
"ރަނގަޅު ވާހަކައެއް، ނަސީބު ރަނގަޅު ވަރަށް. އެކަމަކު މުޅި މެޗަށް ބަލާއިރު އަހަރެމެން އޮތީ މާ ކުރީގައި. އިޓަލީ އަށް ވުރެ އިތުރަށް ދެ ތިން ފުރުސަތު ލިބުނު. އޭރިއާ ތެރެއިން މާރިއޯ ގޯމޭޒަށް ހުހަށް ހުރެ ލިބުނު ފުރުސަތު ބޭނުންކުރި ނަމަ މެޗު ނިންމާލެވުނީސް. އެކަމަކު ބުފޮން ވަރަށް މޮޅަށް އެ ބޯޅަ ސޭވްކުރި،" ލޯ ބުންޏެވެ.
ލޯ ބުނީ ރޭ ފެނިގެން ދިޔައީ ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވަރުގަދަ ޓެކްޓިކަލް ކުޅުމެއް ކަމަށާއި މެޗުގެ ތެރެއިން އިޓަލީ އަށް ލަނޑެއް ޖެހިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"އިޓަލީ އަށް ލަނޑު ޖެހުނީ ޕެނަލްޓީއަކުން. އެއީ ނަސީބު ދެރަކޮށް ދިޔަ ކަމެއް. އަހަންނަށް ހިޔެއް ނުވޭ އޯޕަން ކުޅުމުގެ ތެރޭ އިޓަލީ އަށް ލަނޑެއް ޖެހޭނެ ކަމަށް،" ލޯ ބުންޏެވެ. "އަހަރެމެންނަށް ހުރިހާ ގޮތަކުން ވެސް ހައްގު މޮޅެއް މިއީ."
އޭނާ ވަނީ ޖަރުމަނުގެ ފަހު ދެ ޕެނަލްޓީ ޖެހި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ހެކްޓާ އާއި ކިމިޗަށް ތައުރީފުކޮށްފަ އެވެ. އެފަދަ ހާސްކަން ބޮޑު އުނދަގޫ ވަގުތެއްގައި އެ ދެ ކުޅުންތެރިން ޕެނަލްޓީ ޖަހަން އިސްނެގީތީ އެ ދެ ކުޅުންތެރިންނަށް ލޯ ޝުކުރުއަދާކުރި އެވެ.