20 އޮކްޓޯބަރ 2017 - 12:22

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ، ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި ޓެކްސީ ޑްރައިވަރަކު، ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހައްޔަރު ކުރި މީހާގެ އުމުރެއް އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި މާލޭގެ ޓެކްސީ ސެންޓަރެއްގައި މަސައްކަތް ކުރާ ޑްރައިވަރު، ކުޑަ ފިރިހެން ކުއްޖަކާ ބެހިފައިވަނީ އޭނާ ދުއްވާ ޓެކްސީގެ ތެރޭގަ އެވެ. އެ ޓެކްސީ ޑްރައިވަރަށް ފުލުހުން ފާރަލަމުން ގޮސް، އެ މީހާ ހައްޔަރު ކުރީ ބޮޑުތަކުރުފާނު މަގު، ޓްރެކް ކައިރިން ކާރުގައި އިންދާ ކަމަށްވެ އެވެ.
ފުލުހުން މިހާރު ވަނީ އެ މީހާ ދުއްވި ޓެކްސީ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.