މިސްރުގެ ތަރި ސަލާހު އަގުބޮޑު ހަދިޔާއެއް ބޭނުމެއް ނުވި
މިސްރުގެ ތަރި ސަލާހު އަގުބޮޑު ހަދިޔާއެއް ބޭނުމެއް ނުވި

އިސްކަންދަރިއްޔާ، މިސްރު (އޮކްޓޯބަރު 20) – ހަތާވީސް އަހަރަށް ފަހު މިސްރަށް ފީފާ ވޯލްޑް ކަޕުން ޖާގަހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ލިވަޕޫލްގެ މިޑްފީލްޑަރު މުހައްމަދު ސަލާހަށް ލިބުނު އަގުބޮޑު ހަދިޔާ އަކަށް އޭނާ ނޫނެކޭ ބުނެފި އެވެ.

ކޮންގޯ އަތުން 2-1 އިން މިސްރު މޮޅުވި މެޗުގައި އެ ޓީމަށް ދެ ލަނޑު ޖަހައިދިނީ ސަލާހު އެވެ. އޭނާ ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި މޮޅާ އެކު މިސްރަށް ވަނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ޔަގީންވެފަ އެވެ.

މިސްރުގެ މަހުޖަނު މަމްދޫހު އައްބާސް ވަނީ ސަލާހު ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ލަގްޒަރީ ވިލާއެއް ހަދިޔާ ކޮށްފަ އެވެ. އެހެން ނަމަވެސް ސަލާހު ވަނީ އެ އެގުބޮޑު ހަދިޔާ ގަބޫލުކުރަން ދެކޮޅު ހަދައި އެ ލަގްޒަރީ ވިލާގެ އަގަށްވާ ފައިސާ އޭނާގެ އުފަން ސަރަހައްދު ކަމަށްވާ މިސްރުގެ ނަގްރީ ވިލޭޖުގެ މީހުންނަށް ހަދިޔާ ކުރުމަށް އެދިފަ އެވެ.

އުމުރުން 25 އަހަރުގެ ސަލާހު މިސްރަށް ވޯލްޑް ކަޕުގެ ޖާގައެއް ހޯދައިދިނުމަށް އެހީވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ޝުކުރު އަދާކުރަމުންނެވެ. މި ގޮތުން މިސްރުގެ ގާބިޔާގެ ސްކޫލަކަށް ވަނީ ސަލާހުގެ ނަމާ ގުޅުވައިގެން ނަން ދީފަ އެވެ.

ރޯމާ ދޫކޮށް ބޮޑު އަގުގައި މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ސަލާހު އަންނަނީ އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަނުގެ މިހާތަނަށް ކުޅުނު 13 މެޗުން ސަލާހު ވަނީ ލިވަޕޫލަށް އަށް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.