20 އޮކްޓޯބަރ 2017 - 13:25

އެވިޑް ކޮލެޖުން 700 އަށް ވުރެ ގިނަ ދަރިވަރުން ރޭ ދަސްވެނިވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި ހަފުލާގައި، ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސްއާ ހަމައަށް 725 ދަރިވަރުން ދަސްވެނިވެފައިވެ އެވެ. އެކަމަކު ރޭގެ ހަފުލާގައި ސެޓްފިކެޓް ދީފައިވަނީ 609 ދަރިވަރުންނަށެވެ.
ރޭގެ ރަސްމިއްޔާތު ހާއްސަކޮށްފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުން ހިންގި ތިރީހަކަށް ޕްރޮގްރާމެއްގެ ދަސްވެނިވި ދަރިވަރުންނަށެވެ. އެއީ ބިޒްނަސް މެނޭޖްމަންޓާއި ޓީޗިންނާއި އައިޓީ އަދި އެޑިއުކޭޝަން ޑިވެލޮޕްމަންޓުންނެވެ.
ރޭގެ ހަފުލާގައި އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ ތައުލީމު ހާސިލްކުރާއިރު އަދި ވަޒީފާގެ މާހައުލަށް ނިކުންނައިރު އަހުލާގު ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން މީހާ ކުރިއަށް ދިއުމަށާއި އެހެން މީހުންގެ އިހުތިރާމް ހޯދުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އަހުލާގު ކަމަށް ވިދާޅުވި އެވެ.
މުޝްތާގު ވިދާޅުވީ ކިތަންމެ މޮޅު ފާހެއް ހޯދިޔަސް، ރަނގަޅު އަހުލާގެއް ނެތް ނަމަ އެ ސެޓްފިކެޓުގެ ބޭނުމެއް ނެތް ކަމަށެވެ.
"ކިތައްމެ މޮޅަށް ކިޔަވައިގެން ބޮޑު ފާހެއް ނެގިކަމުގައި ވިޔަސް އަހުލާގެއް ނެތް ނަމަ، އެ ސެޓްފިކެޓްގެ އަގެއް ނެތް. އެހެންވެ ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވީ ލިބިފައިވާ އިލްމާ އެއްވަރަށް އެ މީހެއްގެ އަހުލާގު ބަހައްޓައި މުޖުތަމައަށް ހިދުމަތްކުރުން،" މުޝްތާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކާ ދިމާވިކަމުގައި ވިޔަސް އެކަންތައްތައް ކަޑައްތުކުރުމަށް ހިތްވަރު ބޭނުންވާ ކަމަށެވެ. އިސްލާމީ ރީތި އަހުލާގާއި އަމިއްލަ ނަފުސު ދެކެ ލޯބިވާން ޖެހޭ ކަމަށާއި އެކަމަކު މިހާރު ފެންނަމުންދަނީ އެހެން މަންޒަރެއް ކަމަށް ވިދާޅުވި އެވެ.
"މިހާރު މި ފެންނަނީ އަމިއްލަ ނަފުސު ދެކެ ލޯބިވުމުގެ ބަދަލުގައި، އެހެން މީހުންގެ ލޯބި ހޯދަން އުޅޭތަން،" މުޝްތާގު ވިދާޅުވި އެވެ.
ރޭގެ ދަސްވެނިވުމުގެ ހަފުލާގައި ވަނީ އެ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޗެއާމަން ޑައިމަންޑް އެވޯޑު ހޯދި ދަރިވަރު ވެސް ހޮވައިފަ އެވެ. އެ މަގާމު ހޯދީ ބެޗްލާ އޮފް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ މަރިޔަމް ސަމީހާ އެވެ.