20 އޮކްޓޯބަރ 2017 - 10:02

ތެޔޮ ހިފައިގެން ބ. ކެންދޫއަށް ދިޔަ ބޯޓެއް އެ ރަށު ފަޅުތެރޭގައި އޮއްވައި މިއަދު ރޯވެ މީހަކު ފިހިއްޖެ އެވެ.

ކެންދޫ ކައުންސިލް މެމްބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ އެ ބޯޓަކީ "ނަޔަމް ފިހާރަ" އަށް ޕެޓްރޯލާއި ޑީސަލް ހިފައިގެން ދިޔަ ބޯޓެއް ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓުގައި ރޯވުމުން ނުރައްކާތެރި އިތުރު ހާދިސާއެއް ހިނގުމުގެ ކުރިން ވަލެއް ޖަހައިގެން ބޯޓު ފަޅު ތެރެއިން ނެރެފައިވާ ކަމަށެވެ. އޭގެ ފަހުން ބޯޓު ވަނީ ފެތިފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ މިއަދު 9:30 ހާއިރު ހިނގި މި ހާދިސާގައި، ބޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. ފިހުނީ ޕެޓްރޯލް އަޅަން ހުރި ބަންގްލަދޭޝް މީހެއް ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. ސިއްހީ މަރުކަޒުން ބުނީ އެތަނުން ދެވެން ހުރި ފަރުވާއެއް ދިނުމަށް ފަހު އޭދަފުށީ ހޮސްޕިޓަލަށް އެ މީހާ ފޮނުވާލާފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި މި ހާދިސާ ހިނގީ ޕަމްޕެއް ބޭނުންކޮށްގެން ޕެޓްރޯލް އަޅަނިކޮށެވެ. ޕަމްޕު ކުއްލިއަކަށް ބޯޓު ތެރެއަށް ވެއްޓި، މުޅި ބޯޓު ތެރެއަށް ޕެޓްރޯލް ފޭބި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބޯޓުގައި ރޯވީ، ސައިލެންސަރުގައި ހުޅު ހިފައިގެން ކަމަށް ބެލެވެ އެވެ.
މި ހާދިސާ ހިނގުމުން ރަށު ގިނަ ބަޔަކު ނިކުމެ ފަޅުތެރޭ ހުރި އުޅަނދުތައް ވަނީ ފަޅުން ބޭރަށް ނެރެ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިފަ އެވެ.