20 އޮކްޓޯބަރ 2017 - 12:09

އަމިއްލަ އެދުމުން ފޯވެފައި ތިއްބެވި ސިޔާސީ އިދިކޮޅު ލީޑަރުންނަށް ކަންކަން ތަހަންމަލު ނުކުރެވިގެން އުޅެނީ ސަރުކާރުން ގާނޫނީ ހަމަހަމަކަން ގެނައުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

"ތައްޔާރު"ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި، ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި، ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު ނޫން ބަޔަކު ގާނޫނީ ހަމަހަމަކަން ރައްޔިތުންގެ ތެރޭގައި ގެނެސްދީފައި ނެތް ކަމަށެވެ.

"ރާއްޖޭގެ ދުސްތޫރާއި، ދުސްތޫރުގެ ދަށުން ހެދިފައި ހުރި ގާނޫނުތައް، ގާނޫނުގެ އަކުރާއި ގާނޫނުގެ ހަމަތަކާއި އަދި މާއްދާތައް ފިލިކޯޅިއާ އެކީ ދަމަހައްޓައިދޭ ބަޔަކީ މި ސަރުކާރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސަރުކާރަށް އިޝާރާތް ކުރައްވައި "ކެކުރި" މިސާލު ދެއްކެވުމުން އެކަމަށް ރައްދު ދެއްވައިފަ އެވެ. މައުމޫން އެ މިސާލު ޖެއްސެވީ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހަމަ އެ ތުހުމަތު ކުރެވޭ އެހެން މީހުން މިނިވަންކަމާ އެކު އުޅޭތީ އެވެ.
މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މައުމޫން ވިދާޅުވެފައިވަނީ ދަނޑުވެރިކަން ކުރާ މުއްސަންޖަކު، ކެކުރި ތިޔާގިވުމާ ގުޅިގެން އާންމުންނަށް އެ ބަހަން ނިންމި ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި މުއްސަނދި މީހާ ބޮޑު ކެކުރި ދިނީ އެމީހާ ރުހޭ މީހަކަށް ކަމަށާއި ނުރުހޭ މީހުންނަށް ދިނީ ކުދި ކެކުރި ކަމަށެވެ.
މައުމޫން ނެންގެވި މިސާލަށް ރައްދު ދެއްވައި ރައީސް ޔާމީން ދެއްވީ ކުރު ޖަވާބެކެވެ. ރައީސް ޔާމީން ވިދާޅުވީ ބޮޑު ކެކުރިއަށް ވިޔަސް، ކުޑަ ކެކުރިއަށް ވިޔަސް މި ސަރުކާރުން ގާނޫނީ ހަމަހަމަކަން ހުރިހާ ރައްޔިތުންގެ ތެރޭގައި ގެނެސްދީފައި ވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މީގެ ކުރިން ކުރިން ފެނިގެން ދިޔައީ ޖުޑިޝަރީއަށް ފުރައްސާރަކޮށް، ފަނޑިޔާރުންނަށް ބިރު ދައްކަމުން ގޮސް، މަގުމަތީގައި ކޯޓުތަކެއް ހަދައިގެން ހިންގި ތަން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ކުރި ގާނޫނާ ހިލާފު ކަންތައްތަކާއި އަނިޔާ އާއި ކޮރަޕްޝަންގެ ވާހަކަދެއްކެވި ބޭފުޅުން މިހާރު ތިއްބެވީ އިދިކޮޅުގައި ކަމަށާއި އެބޭފުޅުންގެ ނަން ހާމަ ކުރައްވަން ބޭނުން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ވެސް ހިތްޕުޅުގެ ބަލީގައި އާލާސްކަންފުޅާ އުޅުއްވާ ބޭފުޅުން އެބަތިއްބެވި. އަޅުގަނޑު އެބޭފުޅުންގެ ނަންތައް ކިޔަން ފަށައިފިނަމަ، ޔަގީން ހިތްޕުޅު އިރައިގެން ދާނީ. އަޅުގަނޑު ނެތިން އެބޭފުޅުންގެ ނަންފުޅުގެ މަތިން ހަނދާން ކުރާކަށް. އިރާދަކުރެއްވިއްޔާ ﷲ އެބޭފުޅުންނަށް ހެޔޮ ވިސްނުން ދެއްވާނެ،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަކީ ސަރުކާރުން ކުރާނެ މަސައްކަތެއް ކަމަށެވެ. ދައުލަތުން ފައިސާ "ފޭބިގެން" ގޮސް ހުރީ ގާނޫނާ ހިލާފަށް، ޖިނާއީ ކުށްތަކެއް ހިމެނޭ ގޮތަށް ނަމަ، އެމީހަކާ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަރަށް މަރު ހިފާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ އަނިޔާވެރިކަމާ އެކު މީހުން މަރަމުން ދާއިރު ޝަރީއަތުގައި އޮންނަ ގޮތަށް ގިސޯސް ހިފާނީ ވެސް މި ސަރުކާރުން ކަމަށެވެ.