ޓީމު މޮޅުކޮށްދޭނެ ކަމުގެ ޔަގީންކަން ޖިރޫ ދިން: ވެންގާ
ޓީމު މޮޅުކޮށްދޭނެ ކަމުގެ ޔަގީންކަން ޖިރޫ ދިން: ވެންގާ

ބެލްގްރޭޑް، ސާބިއާ (އޮކްޓޯބަރު 20) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ސާބިއާގެ ރެޑްސްޓާ ބެލްްގްރޭޑް (ސީވިނީ ޒްވެޒްޑާ) އަތުން އާސެނަލް 1-0 އިން މޮޅުކޮށްދިން ލަނޑު ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ޖެހީ އެކަން ކުރާނެ ކަމުގެ ޔަގީންކަން ކުރިން ދީފައިކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މި މޮޅާ އެކު އާސެނަލް ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާޓޭ ބޯރިސޯވާއި ތިން ވަަނައިގައި އޮތް ރެޑް ސްޓާ އަށް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ކޮލޯން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގައި ޖިރޫ އާސެނަލްގެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. މި ސީޒަން ފެއްޓުމުގެ ކުރިން އާސެނަލް ދޫކޮށްލާނެ ކަމަށް ބެލެވުނު ޖިރޫ އަށް ޓީމުގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ލިބުން ވަނީ އުނދަގޫވެފަ އެވެ.

"މެޗުގެ ކޮންމެވެސް ހިސާބަކުން ބެންޗު ކައިރިއަށް އައިސް އަހަންނާ ވާހަކަ ދައްކަމުން ޖިރޫ ދިން ޔަގީންކަން މި މެޗުގައި އަހަރެމެން މޮޅުވާނެ ކަމަަށް. އަދި އޭނާ ލަނޑު ޖަހާނެ ކަމަށް ވެސް ބުނި. އެ ޔަގީންކަމާ އެކު އޭނާ އެކަން ކާމިޔާބުކުރުމުން އަހަރެން އުފާވޭ،" ވެންގާ ބުންޏެވެ.

ވެންގާ ވަނީ ރޭގެ މެޗުގައި ރެޑްސްޓާ އިން ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އަދި މިއީ އެއްވެސް ޓީމަކަށް މޮޅުވަން ފަސޭހަވާނެ މެޗެއް ނޫން ކަމަށް ވެންގާ ބުންޏެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އެވަޓަން ވަނީ އަމިއްލަ ދަނޑުގައި ލިޔޯން އަތުން 2-1 އިން ބަލިވެފަ އެވެ. މިލާން އަމިއްލަ ދަނޑުގައި އޭއީކޭ އެތަންސްއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލާޒިއޯ ވަނީ 3-1 އިން ނީސް ބަލިކޮށްފަ އެވެ.