20 އޮކްޓޯބަރ 2017 - 10:44

ތައުލީމުގެ އުނގެނުމުގެ ބޭނުމަކީ މީހަކު ދައްކާހާ ވާހަކައެއް ގަބޫލު ނުކޮށް އަމިއްލަ ވިސްނުން އިސްކުރަން ދަސްކުރުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވަމުން ވަހީދު ވިދާޅުވީ ހަގީގަތެއް ނެތް ވާހަކަތައް ވެސް، ރަނގަޅު ވާހަކައެއްގެ ގޮތުގައި ދައްކާ ކަމަށާއި އެކަން އެންމެ ބޮޑަށް ހިނގަނީ ސޯޝަލް މީޑިއާގައި ކަމަށެވެ.
ކަންކަމާ މެދު އަމިއްލައަށް ވިސްނައި ފިކުރު ކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ މީހުންގެ ހިޔާލު ބަދަލުކުރުމުގެ ތެރޭގައި އަބަދު ވެސް ދައްކާނީ އަމިއްލަ މީހާގެ މޮޅުކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް މީހަކު ދައްކާހާ ވާހަކައެއް ގަބޫލުކުރުމުގެ ބަދަލުގައި އަމިއްލަ ވިސްނުން އިސްކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވައި ތިބި މީހުން އެއް ވަރެއް ނުވާނެ އެވެ. އަދި ތައުލީމެއް ހާސިލްކޮށްފައިވާ މީހެއް ނަމަ، މީހަކު ދައްކާހާ ވާހަކައެއް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވާ ތިބި މީހުންނާ އެއްވަރުވެގެން ނުވާނެ. ކިޔަވައިގެން ތިބި މީހުން މީހަކު ދައްކާހާ ވާހަކައެއް ގަބޫލުކޮށްގެން ނުވާނެ. ބުއްދީގެ ބޭނުންކުރަން ޖެހޭ. އަމިއްލަ ސިކުނޑީގެ ބޭނުން ހިފަންޖެހޭ. އެހެންވީމަ ތައުލީމެއްގެ މުހިއްމުކަމަކީ އަމިއްލަ ވިސްނުން އިސްކުރުން. މީހަކު ދައްކާ ވާހަކައެއް ގަބޫލުކޮށްގެން ނުވާނެ،" ވަހީދު ވިދާޅުވި އެވެ.
ތައުލީމާއި ސިއްހަތާއި ދަތުރުފަތުރާއި ބޯހިޔާވަހިކަން ވެސް ފުޅާވެފައިވާ ކަމަށާއި ގާނޫނޫ އަސާސީން ވެސް ގިނަ ހައްގުތަކެއް ކަށަވަރުކޮށްދޭ ކަމަށް ވަހީދު ވިދާޅުވި އެވެ. އެ ހައްގުތައް ކަށަވަރުވެގެން ދިޔައީ ބަޔަކު ކުރި ބުރަ މަސައްކަތުން ކަމަށާއި އެހެންކަމުން މި ޖީލުގެ ޒުވާނުން، އެ ހައްގުތައް ދެމެހެއްޓުމަކީ އެމީހުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަން ވަހީދު ފާހަގަކުރެއްވި އެވެ.
ގައުމުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަސާއި ޒުވާނުންގެ ކިބައިން ގައުމު ކުރަމުން އަންނަ އުއްމީދުތައް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ކުރިއަށް ވުރެ މުޅި ރާއްޖޭގައި ވެސް ފުޅާ ކުރެވިފަައިވާ ކަމަށާއި އެގޮތުން އަމިއްލަ ރަށުގައި ހުރެގެން ވެސް ބޭރުގެ ޔުނިވާސިޓީގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެފައި ވުމީ ތައުލީމީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
ބޭރު ގައުމުތަކުގެ ސްކޮލަޝިޕްތަކާއި ސަރުކާރުން ދެމުން އަންނަ ސްކޮލަަޝިޕްގެ އިތުރުން ލޯނުގެ ފުރުސަތުތައް އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ ވެރިކަމުގައި ހުންނެވި ދެ އަހަރެއްހާ ދުވަހު މަތީ ތައުލީމަށް އެދުނު ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދެއްވާފައި ވާނެ ކަމަށެވެ.